Roadha Mihaaru
ދައުވާކުރަން ފޮނުވީ އިމްތިޔާޒު ރައްކާތެރިކުރަން

ދައުވާކުރަން ފޮނުވީ އިމްތިޔާޒް ރައްކާތެރިކުރަން މަޖިލީހުގެ ރައީސަށް ލާޒިމްވާތީ: މަޖިލިސް

06 ޖޫން 2021

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއަކަށްވާތީ ކަަމަށް އެތަނުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއަކަށްވާތީ ކަަމަށް އެތަނުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް، ޒަމީލް ސޮއިކުރައްވައި ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފުގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ.

އެކަމަށް އިންކާރު ކުރުމުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މަޖިލީހުން ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެކަމުގައި ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަރަށް އުނިކަން އަންނާނެކަމެއްކަން ސާފުކޮށް އެނގެން އޮތް ހިނދު، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ވީހިނދު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިން ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމުން، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އަށް މައްސަލަ ފޮނުއްވައިފަ އެވެ،" މަޖިލީހުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ، ސިފައިންގެ ނިންމުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފައާ ވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

މަޖިލީހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ އެ މައްސަލަ ބެލުމަށް މަޖިލިސް ރައީސް ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް ވެސް ފޮނުއްވައިފަ އެވެ.

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމިޓީ އަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.

ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި އެމްއެންޑީއެފަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް ނަޝީދު ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.