Roadha Mihaaru
މީހަކު ރަހީނުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް

ރަހީނުކުރި މައްސަލާގައި ފަހުންް ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

06 ޖޫން 2021

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކުރި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކުރި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. އެއީ 19 އަހަރާއި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ދީފައިވެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކު ރަހީނުކުރުމާ ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާއަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.