Roadha Mihaaru
ރަހީނުކޮށް އަނިޔާކުރި މީހާއަށް ފަރުވާދެނީ އައިސީޔޫގައި

ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާކުރި މީހާ އައިސީޔޫގައި

31 މެއި 2021

ހދ. ކުޅުދުއްފުށީގައި އިއްޔެ ޒުވާނަކު ރަހީނުކޮށް، އަނިޔާކުރުމުމުގެ ސަބަބުންް އޭނާގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށީގައި އިއްޔެ ޒުވާނަކު ރަހީނުކޮށް، އަނިޔާކުރުމުމުގެ ސަބަބުންް އޭނާގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ރޭ 8:48 ގަ އެވެ.

އެ ހާދިސާގައި އަނިޔާވި މީހާ، އެ ރޭ 9:50 ހާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. އެކަމަކު އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާތީ ފަރުވާއަށް މާލެއަށް ގެނައީ އިއްޔެ މެންދުރު އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު އޭނާއަށް ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ. އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު ކުރަން ޖެހޭ ސާޖަރީތައް ވެސް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަށް ބަޔަކު އަނިޔާކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށްވެ އެވެ.

ފުލުހުންގެ ބަހެއް ނުލިބޭތީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.