Roadha Mihaaru
ޕާކިސްތާނުގައި ދެ ރޭލު މުޑިއަރައި 32 މަރު

ޕާކިސްތާނުގައި ދެ ރޭލު މުޑިއަރައި 32 މަރު

07 ޖޫން 2021

ޕާކިސްތާނުގެ ދެކުނު ސަރަހައްދެއްގައި، މިއަދު ހެނދުނު ދެ ރޭލު މުޑިއެރުމުގެ ސަބަބުން މަދުވެގެން 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ޕާކިސްތާނުގެ ދެކުނު ސަރަހައްދެއްގައި، މިއަދު ހެނދުނު ދެ ރޭލު މުޑިއެރުމުގެ ސަބަބުން މަދުވެގެން 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިހާދިސާގައި ޒަހަމްވި މީހުންގެ އަދަދު މިހާތަނަށް 64 އަށް އަރަ އެވެ. ދެ ރޭލު މުޑިއެރި ތަނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މި ހާދިސާގައި މުޑިއަރާފައިވަނީ، ކަރާޗީން ފުރައިގެން ޕަންޖާބް ޕްރޮވިންސްގެ ސަރްގޯދާ ސިޓީ އަށް ދަތުރުކުރި، މިއްލަތު އެކްސްޕްރެސްގެ ރޭލަކާއި، ޕަންޖާންގެ ރާވަލްޕިންޑީން ސިންދު ޕްރޮވިންސްގެ ގޮޓްކީ އަށް ދަތުރު ކުރި، ސާ ސައްޔިދު އެކްސްޕްރެސްގެ ރޭލެކެވެ.

ގޮޓްކީ ސިޓީގެ ފުލުހުން ބުނާ ގޮތުގައި ދެ ރޭލު މުޑިއެރީ، ކަރާޗީން ސަރްގޯދާ އަށް ދަތުރުކުރި ރޭލު، އޭގެ މަގު ކުއްލި ގޮތަކަށް ބަދަލުކޮށްލުމުންނެވެ. މި ހާދިސާގައި ދެ ރޭލުގެ 15 ވަރަކަށް ކޮމްޕާޓްމަންޓް ފުށުން ޖެހިފައިވާތީ، އޭގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމަށްޓަކައި، ފުލުހުން އަންނަނީ ކަރަންޓު ކީސް ފަދަ ތަކެތި ބޭނުންކޮށްގެން ރޭލުގެ އެކި ބައިތައް ކީހަމުންނެވެ.

އަދި ދެ ރޭލުގެ އަށެއްކަ ކޮމްޕާޓްމަންޓް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ސަރަހައްދުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހޮސްޕިޓަލްތަކުގެ އާންމު ބައެއް ހިދުމަތްތައް މެދުކަނޑާލައި، މިވަގުތު ގޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުން، އެމީހުން ވަޒީފާ އަދާކުރާ ހޮސްޕިޓަލްތަކަށް ނުކުތުމަށް އަންގައިފަ އެވެ.

އޭގެ އިތުރުން، ޒަހަމްވެފައިވާ މީހުންނަށް ބޭނުންވާ ކުއްލި ފަރުވާ ދިނުމަށްޓަކައި، ހާދިސާ ހިނގި ސަރަހައްދުގައި ސިއްހީ ހިދުމަތް ދޭ ފޭލިގެއެއް ޖެހުމުގައ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގައި، ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޕާކިސްތާނުގައި ރޭލު އެކްސިޑެންޓް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. މިއަހަރު މާޗް މަހުގެ ތެރޭގައި ވެސް މި ސަރަހައްދުގައި ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގާފައިވެ އެވެ.