Roadha Mihaaru
ޔުކްރޭންގެ ޔޫރޯ ޖާޒީ ސިޔާސީވެ ރަޝިއާ ރުޅިގަދަވެއްޖެ

ޔުކްރޭންގެ ޔޫރޯ ޖާޒީ ސިޔާސީވެ ރަޝިއާ ރުޅިގަދަވެއްޖެ

08 ޖޫން 2021

މި ހަފުތާގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރޭނުން ބޭނުންކުރާ ޖާޒީ ދައްކާލުމާ އެކު ރަޝިއާ އިން ރުޅިގަދަވެ، ޖާޒީގެ މައްސަލާގައި ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ހަފުތާގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރޭނުން ބޭނުންކުރާ ޖާޒީ ދައްކާލުމާ އެކު ރަޝިއާ އިން ރުޅިގަދަވެ، ޖާޒީގެ މައްސަލާގައި ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.

ޔުކްރޭންގެ ޓީމުން ދައްކައިލި ކިޓްގައި ހިމެނޭ ޖާޒީތަކުގެ މޭމަތި ފަރުމާކޮށްފައިވަނީ ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކްރައިމިއާ ސަރަހައްދު ވެސް ސިފަވާ ގޮތަށް ޔުކްރޭންގެ ބޯޑަރާ އެކު ތިކިތަކަކުން ކޮށްފައިވާ ޑިޒައިނަކުންނެވެ.

ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ކަމަށް އެ ގައުމުން 2014 އިން ފެށގެިން ދައުވާކުރަމުން އަންނަ ތަނެކެވެ. އެކަމަކު ޔޫކްރޭންގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔެ ވެސް އެކަން ބަލައެއް ނުގަނެވެ.

ޔުކްރޭންގެ ޓީމްގެ ޖާޒީގައި އެ ގައުމުގެ އިމުގެ ސަރަހައްދުގައި ކްރައިމިއާ ހިމެނުމުގެ އިތުރުން އޭގެ ފަހަތުގައި "ގްލޯރީ ޓު ޔުކްރެއިން" އެ ގައުމުގެ ބަހުން ލިޔެފައިވެ އެވެ. އެއީ އެ ގައުމުގެ ޝިއާރެކެވެ.

ޔުކްރޭން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެންޑްރީ ޕަވެލްކޯ އާދީއްތަ ދުވަހު ޖާޒީ ދައްކާލުމާ އެކު ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ޖާޒީ އޮތީ "ސިޔާސީކޮށްފައި" ކަމަށެވެ.

ނަމަވެސް އެސޯސިއޭޝަންގެ ރައިސް ވިދާޅުވީ ޖާޒީ އޮތީ ކުޅުންތެރިންގެ ގައުމީ ރޫހާއި ހިތްވަރު އާލާކޮށްދޭ ގޮތަށް ކަމަށެވެ.

"މި ޖާޒީގައި ކުޅުންތެރިން ގައުމީ ޖޯޝްގައި ހިތްވަރު ދައްކާނެ،" އޭނާ ވިދާޅުވި އެވެ.

ޖާޒީގެ މައްސަލާގައި ރުޅިގަދަވެ ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރާޔާ ޒަކަރޯވާ ވިދާޅުވީ ޔުކްރޭންގެ ޖާޒީގައި އޮތީ ހަގީގަތެއް ނެތް ހިޔާލީފޮލާއެއްގެ ވާހަކަ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑިމިޓްރީ ސްވިޝެވް ވިދާޅުވީ ޔޫރޯ އިންތިޒާމްކުރާ ފަރާތުން ވެސް ޔުކްރޭންގެ ޖާޒީ ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އެއަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19އާ ހެދި މިދިޔަ އަހަރު ފަސްކުރަން ޖެހުނު ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ސައުވީސް ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 11 އާ ހަމައަށެވެ.