Roadha Mihaaru
ރަޝިއާއާ ހެދި ޔުކްރޭންގެ ޖާޒީއަށް ބަދަލުގެންނަނީ

ރަޝިއާ މައްސަލަ ޖެެއްސުމުން ޔުކްރޭންގެ ޔޫރޯ ޖާޒީއަށް ބަދަލުގެންނަން އަންގައިފި

11 ޖޫން 2021

މިއަދު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރޭން ޓީމްގެ ޖާޒީ "ސިޔާސީކޮށްފައިވާ" ކަމަށް ބުނެ ރަޝިއާ އިން ރުޅިގަދަވެ، އެ ޖާޒީ ބަލައިނުގަތުމަށް ޔޫއެފާ އަށް ގޮވާލާފައި ވަނިކޮށް ޖާޒީ އިސްލާހުކުރަން އެތަނުން ޔުކްރޭނަށް އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރޭން ޓީމްގެ ޖާޒީ "ސިޔާސީކޮށްފައިވާ" ކަމަށް ބުނެ ރަޝިއާ އިން ރުޅިގަދަވެ، އެ ޖާޒީ ބަލައިނުގަތުމަށް ޔޫއެފާ އަށް ގޮވާލާފައި ވަނިކޮށް ޖާޒީ އިސްލާހުކުރަން އެތަނުން ޔުކްރޭނަށް އަންގައިފި އެވެ.

ޖާޒީތަކުގެ މޭމަތީގައި، ރަޝިއާ އިން އެތަނުގެ ބައެއްގެ ގޮތުގައި ދައުވާކުރާ ކްރައިމިއާ، ޔުކްރޭންގެ ބޯޑަރުގެ ބައެއްގެ ގޮތުގައި ތިކިތަކަކުން ޖާޒީގައި ހިމަނާފައިވެ އެވެ. އަދި ޖާޒީގެ ފަހަތުގައި ސްލޯންއެއްގެ ގޮތުގައި "ގްލޯރީ ޓު ޔުކްރޭން" އަދި "ގްލޯރީ ޓު ހީރޯސް" ލިޔެފައިވެ އެވެ.

މި މައްސަލާގައި ރަޝިއާ ރުޅިގަދަވެ، ޔުކްރޭންގެ ޖާޒީ ސިފަކޮށްފައި ވަނީ ނާޒީންގެ ކުލަ ޖެހިފައިވާ ސިޔާސީ އެއްޗެއްގެ ގޮތުގަ އެވެ.

ޖާޒީ އިސްލާހުކުރަން އެންގުމާ ގުޅިގެން ހޯމަ ދުވަހު ޔުކްރޭންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. އެސޯސިއޭޝަންގެ ރައީސް އެންޑްރީ ޕަވެލްކޯ ކުރިން ވިދާޅުވެފައި ވަނީ ޖާޒީ އޮތީ ކުޅުންތެރިންގެ ގައުމީ ރޫހާއި ހިތްވަރު އާލާކޮށްދޭ ގޮތަށް ކަމަށެވެ.

އެ ޖާޒީ ފަރުމާކުރީ ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޖޯމާއިންނެވެ.

ޔުކްރޭންހެ ޖާޒީއާ އެކު އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ.

ރަޝިއާގެ ފުޓްބޯޅަ ޔުނިއަނުން ޖާޒީގެ މައްސަލާގައި ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޔޫއެފާ އިން މިހާރު އަންގާފައި ވަނީ ޖާޒީގައި ހިމަނާފައިވާ ސްލޯގަންގެ ތެރެއިން "ގްލޯރީ ޓު ހީރޯސް" އުނިކުރާށެވެ.

"ގްލޯރީ ޓު ޔުކްރޭން ބޭނުން ކުރުމަކީ މައްސަލައެއް ނޫން. އެއިން ރަމްޒުކޮށްދެނީ ގައުމިއްޔަތު. އެކަމަކު އެއާ އެކު ގްލޯރީ ޓު ހީރޯސް ބޭނުންކުރާ ނަމަ މީގައި އެބައޮތް ޖާޒީ ސިޔާސަކޮށްފައިވާ ކަމަށް ބެލުމުގެ ފުރުސަތު،" ޔޫއެފާ އިން އިން ބުންޏެވެ.

ޔުކްރޭންގެ ޖާޒީތަކުގެ ތެރެއިން "ގްލޯރީ ޓު ޔުކްރޭން" ޖަހާފައި އިނީ ރީނދޫ ކުލައިގެ ޖާޒީގަ އެވެ. "ގްލޯރީ ޓު ހީރޯސް" ޖަހާފައި އިނީ ނޫކުލައިގަ ޖާޒީގަ އެވެ.

ޔޫއެފާގެ ނިންމުމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރާޔާ ޒަކަރޯވާ އެކަމަށް މަރުހަބާ ވިދާޅުވެ، ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ކުޅިވަރަކީ ހަނގުރާމައިގެ މަައިދާނެއް ނޫން ކަމަށާއި އެއީ ވާދަވެރިކަމުގެ މައިދާނެއް ކަމަށެވެ. އެހެންވެ ޔުކްރޭން މުބާރާތުގައި ވާދަކުރަން ނުކުންނަންވީ ވަކި ކުލައެއް ޖެހިގެން ނޫން ކަމަށާއި ކުޅިވަރު މައިދާނަށް ނުކުންނާނީ ގައުމީ ރޫހުގައި ކަމަށް ވިދާޅުވި އެވެ.

ގްރޫޕް ސީގައި ހިމެނޭ ޔުކްރޭންގެ ޓީމްގެ ޖާޒީ އަށް އެންމެ ފަހު ވަގުތު އިސްލާހުތަކެއް ގެންނަން މަޖުބޫރުވި އިރު، އެ ގައުމު މުބާރާތުގައި ކުޅޭ ފުރަތަމަ މެޗް އޮންނާނީ މި މަހުގެ 14 ގަ އެވެ.

ހަ ގްރޫޕަކަށް ޖުމްލަ 24 ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 11 އާ ހަމައަށެވެ.