Roadha Mihaaru
އިންކުއަރީއަށް ސަރުކާރުގެ ހުރަހެއް ނެތް: އަސްލަމް

ރައީސާއި ސަރުކާރުން ވެސް އިންކުއަރީ އަށް ހުރަހެއް ނާޅާ: އަސްލަމް

07 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުން ހިންގާ އިންކުއަރީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާ ކަމަށް ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އޭނާ މިހެން ވިދާޅުވީ، ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލައާ ގުޅޭ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަށް ރައީސް އަންގަވައިގެން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް މެންބަރުންގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެ މައްސަލާގައި އެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް، 241 ކޮމިޓީން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ސަރުކާރުން އިންކުއަރީ އަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް އެއްވެސް ވަރަކަށް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާ ކަމެއް ގަބޫލު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހު ވެސް އަޅުގަނޑާ ކުރެއްވި މުއާމަލާތެއްގައި މި އިންކުއަރީގެ މަސައްކަތް ރަނގަޅަށް ގެންދިޔުމަށް އެދިވަޑައިގެންފައި ވަނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންކުއަރީ އަށް ކޮމިޓީން މައުލޫމާތު ހޯދަން ބޭނުންވާ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ހުރިހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ލިބެ އެވެ. ފުލުހުންނާއި ސިފައިން ހުރިހާ ސުވާލުތަކަކަށް ވެސް ޖަވާބު ދީ ކޮމިޓީގެ މަސައްކަތަށް އެއްބާރުލުން ދޭ ކަމަށް ވިދާލުވި އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ހުރަސް އަޅަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޮބީ ކުރައްވައިގެން ކަމަށް ތުހުމަތު ކުރައްވައި ނަޝީދު ފޮނުއްވި ކަމަށް ބުނާ މެސެޖެއް ވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފޮނުއްވައިފަ އެވެ.