Roadha Mihaaru
މަހްލޫފު، މަސައްކަތުން އެކަހެރިވުމަށް ރައީސް އަންގަވައިފި

މަހްލޫފު، މަސައްކަތުން އެކަހެރިވުމަށް ރައީސް އަންގަވައިފި

09 ޖޫން 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގެ އޮފީހަށް މިއަދު ފޮނުވުމާ ގުޅިގެން ޕީޖީން ވަކި ގޮތެއް އަންގަވަންދެން މަސައްކަތްތަކުން އެކަހެރިވުމަށް ރައީސް އަންގަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގެ އޮފީހަށް މިއަދު ފޮނުވުމާ ގުޅިގެން ޕީޖީން ވަކި ގޮތެއް އަންގަވަންދެން މަސައްކަތްތަކުން އެކަހެރިވުމަށް ރައީސް އަންގަވައިފި އެވެ.

މަހުލޫފު މަސައްކަތުން އެކަހެރިވުމަށް ރައީސް އެންގެވިއިރު، މި ވަގުތު އޭނާ ހުންނެވީ ޗުއްޓީ ދަތުރެއްގައި ދުބާއީގަ އެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ އަންނަ ހަފުތާގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފައި ވާތީ، ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމެވުމާ ހަމަ އަށް ހުރިހާ މަސައްކަތްތަކުން އޭނާ އެކަހެރިވުމަށް ރައީސް މިއަދު އަންގާވަފައިވާ ކަމަށެވެ.

އެސީސީން ބުނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 މަޖިލީހުގެ ޖަލްސާ އަށް މަހުލޫފު ވަޑައިގެންފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފް އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު އެ ވޯޓަށް ފަހު އަހުމަދު އަދީބު އަބްދުލްޣަފޫރުއާ އަހުމަދު މަހުލޫފު އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާ އަކީ އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދިފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ،" އޭސީސީން ބުންޏެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު، އޭގައި މަހުލޫފުގެ މުއާމަލާތެއް ވެސް ހިމެނުނެވެ. އެހެންވެ، އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ސަސްޕެންޑުކުރި އެވެ. އެ ކޮމިޝަންގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަން އުވާލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގަ އެވެ.

ނަމަވެސް މަހުލޫފު އޭރު ވިދާޅުވީ އެސްއޯއެފާ އެކު ހިނގީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މިއީ އަހުމަދު އަދީބު ކިބައިން ރިޝްވަރުގެ ގޮތުގައި އަހުމަދު މަހުލޫފު ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާ އިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ. ހާފްސީ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެވެ،" އޭސީސީން ބުންޏެވެ.

ކޮމިޝަނުން ބުނީ "ޕޭމަންޓު ރިސީވްޑް" ލިޔުމާއި އެ ޑޮލަރަށްވާ ދިވެހި ފައިސާ، ނަގުދު ފައިސާ އިން އެސްއޯއެފާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހުލޫފު އޭސީސީ އަށް ފޮނުވާފައިވާ ސިޓީ އާއި ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެ އެވެ.

އޭގެ އިތުރުން، އެ މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ގ.ހާފްސީ، އަލީ މުބީންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާކުރަން ފޮނުވާފައި ވެ އެވެ. މުބީނަކީ މަހުލޫފުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.