Roadha Mihaaru
ޚިޔާނާތު މައްސަލާގައި މަހުލޫފަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

09 ޖޫން 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުަމށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުަމށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ ކޮމިޝަނުން ބުނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރޭގައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވޭ މައްސަލަައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު އެ ވޯޓަށް ފަހު އަހުމަދު އަދީބު އަބްދުލްޣަފޫރުއާ އަހުމަދު މަހުލޫފު އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދިފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ،" އޭސީސީން ބުނެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު، އޭގައި މަހުލޫފުގެ މުއާމަލާތް ވެސް ހިމެނުނެވެ. އެހެންވެ، އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ވަޒީރުކަމުން ސަސްޕެންޑުކުރި އެވެ. އެ ކޮމިޝަންގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަން އުވައިލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގަ އެވެ.

ނަމަވެސް މަހުލޫފު އޭރު ވިދާޅުވީ އެސްއޯއެފާއެކު ހިނގީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެކަމަކު ތަހުގީގަށް ފަހު، އޭސީސީން ބުނިގޮތުގައި އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓު ރިސީވްޑް" ލިޔުމެއް މަހުލޫފުގެ ފަރާތުން ހުށަހެޅިއަސް އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ.

"މިއީ އަހުމަދު އަދީބު ކިބައިން ރިޝްވަރުގެ ގޮތުގައި އަހުމަދު މަހުލޫފު ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ. ހާފްސީ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެވެ،" އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ "ޕޭމަންޓު ރިސީވްޑް" ލިޔުމާއި އެ ޑޮލަރަށްވާ ދިވެހި ފައިސާ، ނަގުދު ފައިސާ އިން އެސްއޯއެފާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހުލޫފު އޭސީސީ އަށް ފޮނުވާފައިވާ ސިޓީ އާއި ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވައިލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ވެސް ދައުވާ ކޮށްދިނުމަށް އެދިފައި ވެ އެވެ.

އޭގެ އިތުރުން، އެ މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ގ. ހާފްސީ، އަލީ މުބީންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާކުރަން ފޮނުވާފައި ވެ އެވެ. މުބީނަކީ މަހުލޫފުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު އާއްމުކުރި އެވެ. އެ ލިސްޓުގައި މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ނަން އޮތީ މަހްލޫފްގެ އެކަންޏެވެ. އެކަމާ ގުޅިގެން އޭނާ ވިދާޅުވީ ނަން އޮތީ ސިޔާސީ ލިސްޓެއްގައި ކަމަށާއި ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ޕީޖީން ވަކި ގޮތެއް ނިންމަންދެން ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވުމަށް މަހްލޫފަށް މިއަދު އަންގަވައިފަ އެވެ.