Roadha Mihaaru
ފޭސްބުކްގެ ސްމާޓްވޮޗް އަންނަ އަހަރު؟

ފޭސްބުކްގެ ސްމާޓްވޮޗް އަންނަ އަހަރު؟

11 ޖޫން 2021

ފޭސްބުކުން އަންނަ އަހަރު ސްމާޓްވޮޗް ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކުން އަންނަ އަހަރު ސްމާޓްވޮޗް ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން އަންނަ އަހަރުގެ ޖޫން ހިސާބުގައި ފޭސްބުކްގެ ސްމާޓްވޮޗް ހަގީތަކަށް ވާނެ އެވެ.

މި ޑިވައިސްއާ ބެހޭ ބައެއް މައުލޫމާތު ވެސް މީޑިއާތަކުން ތިލަކޮށްފައިވެ އެވެ. އެގޮތުން މާކް ޒަކަބާގްގެ ފޭސްބުކްގެ ސްމާޓްވޮޗަކީ ދެ ކެމެރާ އިންނަ ޑިސްޕްލޭއަކާއި، ހިތުގެ ވިންދު ވެސް މޮނިޓަކުރެވޭ ފީޗާ ހިމަނައިގެން ނެރޭ އެއްޗެއް ކަމަށް ބުންޏެވެ.

މީގެ ދެ ކެމެރާ މަސައްކަތްކުރާ ގޮތަށް ބަލާ އިރު ރިސްޓް ބޭންޑާ ވަކިކޮށްލައި ފޮޓޯ އާއި ވީޑިއޯ ރެކޯޑްކޮށް، ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކާ ޝެއާކުރެވޭނެ އެވެ. ދެ ކެމެރާގެ ތެރެއިން ޑިސްޕްލޭގެ ކުރިމަތީގައި އިންނަ ކެމެރާ ހާއްސަވާނީ ވީޑިއޯ ކޯލްތަކަށެވެ. އަދި ފަހަތުގައި އިންނަ 1080 ޕިކްސެލްގެ އޮޓޯ-ފޯކަސް ކެމެރާ ރިސްޓް ބޭންޑާ ވަކިކޮށް، ވީޑިއޯ ނަގަން ބޭނުންކުރެވޭނެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ފޭސްބުކްގެ ސްމާޓްވޮޗްގެ ކެމެރާ ސިސްޓަމްގެ މަސައްކަތަށް އެކަމަށް ހާއްސަ އެހެން ކުންފުނިތަކެއްގެ އެހީ ވެސް ހޯދާ ކަމަށާއި އަމާޒަކީ މި ވަގުތު މާކެޓްގައި ހުރި އެޕަލް އާއި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުގެ ސްމާޓްވޮޗާ ވާދަކުރެވޭ ވަރުގެ އުފެއްދުމެއް ގެނެސްދިނުމެވެ.

ވާޖުން ބުނެފައިވާ ގޮތުގައި ފޭސްބުކްގެ މައިގަނޑު އެއް އަމާޒަކީ ސްމާޓްފޯން ބޭނުންކުރެވޭހާ ފަސޭހަކޮށް، ސްމާޓްވޮޗް ބޭނުންކުރެވޭ ގޮތް ހެދުމެވެ. އެހެންވެ މި ޑިވައިސްގެ ހާއްސަ އެއް ސިފައަކަށް ވާނީ މީގެ މަސައްކަތް ފޯނުގެ ކަނެކްޓިވިޓީއަކާ ނުލައި ކުރެވޭނެ ގޮތް ހެދުމެވެ.

ކައުންޓަޕޮއިންޓް ރިސާޗުން ބުނި ގޮތުގައި ފޭސްބުކްގެ ސްމާޓްވޮޗް ބާރާޒަށް ފުރަތަމަ ނެރޭނީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގަ އެވެ. އަދި ތަރުހީބަށް ބަލައި އަދަދު އިތުރުކުރާނެ އެވެ. ނެރޭނެ ކަމަށް ބުނާ ކުލަތަކުގެ ތެރޭގައި ހުދު، ކަޅު އަދި ރަންކުލަ އެވެ.

ވިއްކާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 400 ޑޮލަރު (6،200ރ.) އެވެ.