Roadha Mihaaru
އަންގް ސަން ސޫކީގެ މައްޗަށް ޝަރީއަތް ފަށައިފި

އަންގް ސަން ސޫކީގެ މައްޗަށް ޝަރީއަތް ފަށައިފި

14 ޖޫން 2021

މިޔަންމާގެ ކުރީގެ ލީޑަރު، އަންގް ސަން ސޫކީގެ މައްޗަށް، އެ ގައުމުގެ އަސްކަރީ ސަރުކާރުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މިޔަންމާގެ ކުރީގެ ލީޑަރު، އަންގް ސަން ސޫކީގެ މައްޗަށް، އެ ގައުމުގެ އަސްކަރީ ސަރުކާރުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ސޫކީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާ އިރު، މިއަދު ފެށި ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ، ދެ ދައުވާއެއްގެ އަޑުއެހުމެވެ. އެއީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް، އިންތިހާބީ ކެމްޕޭންގެ ތެރޭގައި އަމަލުކުރައްވާފައިވާ ކަމަށް ބުނާ ދައުވާއަކާއި، ލައިސަންސް ނުނަންގަވައި، ވޯކީ-ޓޯކީއެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައެއްގެ ދައުވާ އެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ ދައުވާގެ އަޑުއެހުންތައް ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް، ސޫކީގެ ދިފާއީ ވަކީލު ވިދާޅުވި އެވެ. މިހާރު ކޯޓުން ހަމަޖައްސާފައިވާ ގޮތުން ދައުވާތައް ކުރިއަށް ގެންދާނީ، ކޮންމެ ދައުވާއެއް ވަކިން އިއްވުމަށް ފަހު، އެ ދައުވާއެއްގެ އަޑުއެހުންތައް އެއްކޮށް ނިންމުމަށް ފަހު، އަނެއް ދައުވާގެ އަޑުއެހުންތައް ފަށާ ގޮތަށެވެ.

އޭގެ އިތުރުން ސޫކީ އަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގެވުމުގެ ދައުވާއަކާއި، ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވުމުގެ ދައުވާއެއް ވެސް ހިމެނެ އެވެ. ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި، ކުރީގެ ބޮޑުވަޒީރެއްގެ އަތުން ހ ލައްކަ ޑޮލަރާއި 11.4 ކިލޯގެ ރަން ލިބިވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ހިމެނެ އެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ، ސޫކީ މުޅި އުމުރަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފާނެ އެވެ. ސޫކީގެ ސަޕޯޓަރުން ބުނާ ގޮތުގައި އޭނާގެ މައްޗަށް އަސްކަރީ ސަރުކާރުން އުފުލާފައިވަނީ ސިޔާސީ ދައުވާތަކެކެވެ. އޭގެ ބޭނުމަކީ، މިޔަންމާގެ ސިޔާސީ މައިދާނުން ސޫކީ މުޅި އުމުރަށް އެއްފަރާތް ކުރުން ކަމަށް ވެސް އެމީހުން ބުނެ އެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުން އަންނަ އިހުތިޖާޖްތައް ހުއްޓުވުމަށް، ސިފައިން ހިންގާ ހަރުކަށި އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓައިލުމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު މިޝޭލް ބާޝްލޭ ވަނީ އަނެއްކާ ވެސް ގޮވާލައްވައިފަ އެވެ. އަދި މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާލައި، ސުލްހައިގެ ވާހަކަތައް ފެށުމަށް، މިޔަންމާގެ އަވައްޓެރި ފަސް ގައުމުން މިދިޔަ އެޕްރީލް މަހު ވެފައިވާ އެއްބަސްވުން ތަންފީޒުކުރަން ވެސް، އަސްކަރީ ސަރުކާރުން ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ މިވާހަކަތަކަށް ރައްދުދީ މިޔަންމާގެ އަސްކަރީ ސަރުކާރުގެ ހާރިޖީ ވަޒީރު އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ބާޝްލޭގެ ވާހަކަތަކަކީ އެއްފަރާތަށް ޖެހިގެން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިޔަންމާގައި އަމިއްލަ ޓެރަރިސްޓް ގުރޫޕްތަކުން ހިންގާ ފަސާދައިގެ އަމަލުތަކާއި، އެމީހުންގެ އަމަލުތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ މެމްބަރުންނަށް ލިބޭ ގެއްލުމުގެ ވާހަކަވެސް ބާޝްލޭގެ ވާހަކައިގައި ފާހަގަ ނުކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.