Roadha Mihaaru
ފުރަތަމަ ރަތްކާޑު ފެނުނު މެޗުން ސްލޮވާކިއާ މޮޅުވެއްޖެ

ފުރަތަމަ ރަތްކާޑު ފެނުނު މެޗުން ސްލޮވާކިއާ މޮޅުވެއްޖެ

14 ޖޫން 2021

ސެއިންޓް ޕީޓާސްބާގް (ޖޫން 14) - ޔޫރޯ 2020ގެ ގުރޫޕް އީގައި މިރޭ ޕޯލެންޑް އަތުން 2-1 އިން މޮޅުވެ ސްލޮވާކިއާ ފެށުން ރަނގަޅުކޮށްފި އެވެ. މި މެޗު ޕޯލެންޑް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެއިންޓް ޕީޓާސްބާގް (ޖޫން 14) - ޔޫރޯ 2020ގެ ގުރޫޕް އީގައި މިރޭ ޕޯލެންޑް އަތުން 2-1 އިން މޮޅުވެ ސްލޮވާކިއާ ފެށުން ރަނގަޅުކޮށްފި އެވެ. މި މެޗު ޕޯލެންޑް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ޕޯލެންޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ގްރެގޯޒް ކްރިކޯވިއަކް އަށް ރަތްކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކު އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފެނުނު ފުރަތަމަ ރަތްކާޑެވެ.

ދެ ޓީމު މެޗަށް ނުކުތް އިރު މެޗުގެ ފޭވަރިޓެއްގެ ގޮތުގައި އޮތީ ޕޮލެންޑެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދި ރޮބަޓް ލެވެންޑޮސްކީ އެ ޓީމުގައި ހުރުމުންނެވެ. "ގޯލް މެޝިން" ގެ ގޮތުގައި މިޑިއާއިން ސިފަ ކުރާ ލެވެންޑޮސްކީ އަށް މެޗުގައި ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އޭނާ ފޮނުވާލި ހިލޭޖެހުންވެސް ސްލޮވޭކިއާގެ ވޯލްގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށެވެ.

ސްލޮވޭކިއާ ކުޅުންތެރިން ލަނޑު ޖެހުަމށް ފަހު އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ސްލޮވޭކިއާ ކުޅުންތެރިން ލަނޑު ޖެހުަމށް ފަހު އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި، ސްލޮވޭކިއާއިން ފުރަތަމަ ލިޑް ނެގި އެވެ. އެ ލަނޑަކީ ޕޯލެންޑްގެ ގޯލްކީޕަރު ވޮޖްޗިއެކް ޝެޒްނީ އަތުން ބައިކޮޅަށް ލަނޑެއް ނަމަވެސް، އެ ލަނޑުގައި ސްލޮވާކިއާގެ ރޮބަޓް މަކްގެ މަސައްކަތް ފާހަގަކުރަންޖެހެ އެވެ. ޕޯލެންޑްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު، ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ހަނި ކަނަށް މަކް ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އެކަމަކު ދަނޑީގައި ޖެހިފައި، އެ ބޯޅަ ނިކުތް ވަގުތު ޝެޒްނީގެ ގައިގައި ޖެހި، އެ ބޯޅައިގެ މިސްރާބު ބަދަލުވީ ގޯލުގެ ތެރެއަށެވެ. މިއީ ޔޫރޯގެ ތާރީހުގައި ގޯލްކީޕަރެއް ބައިކޮޅަށް ލަނޑެއް ވައްދާލި ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފުގައި ޕޮލެންޑްގެ ކުޅުންތެރިން ނުކުތީ ރަނގަޅު ރޫހެއްގައިކަން، އެ ހާފު ފަށައިގެން ކުޅެން ފެށިގޮތުންވެސް އެނގެ އެވެ. ދެ ވަނަ ހާފުގެ ފުރަތަމ މިނެޓްގައި ކާލް ލިނޭޓޭ ވަނީ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ސްލޭވޭކިއާގެ ކުޅުންތެރިން އޭރިއާގެ ތެރޭގައި ތިއްބައި ބޮޅަ ފޮނުވާލުމުން އެ ޓީމުގެ ކީޕަރަށްވެސް ބޯޅަ ދިފާއު ކުރަން ކުރަން ޖެހުނު މަސައްކަތް ބުރަވި އެވެ. ބޯޅަ ގޯލަށް ވަދެގެން ދިޔައީ އޭނާގެ އަތުގައި ލައްވައި ނުލަ އެވެ.

ޕޯލެންޑްގެ ކްރިކޯވިއަކް އަށް ރަތްކާޑު ދައްކައި، ޕޯލެންޑް 10 މީހުންނާއެކު ކުޅެންޖެހުނުތާ މާ ގިނައިރުތަކެއް ނުވެ، ސްލޮވާކިއާ އިން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލި އެވެ. ސްލޮވާކިއާގެ ދެވަނަ ލަނޑު ޖެހީ އިންޓަ މިލާންގެ ޑިފެންޑަރު މިލާން ސްކްރިނިއާ އެވެ. އޭނާ ލަނޑު ޖެހީ މާރެކް ހަމްސިކް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.