Roadha Mihaaru
ސްލޮވާކިއާގެ ބޮޑުވަޒީރުގެ އިތުރު ސާޖިރީއެއް ހަދައިފި

ސްލޮވާކިއާގެ ބޮޑުވަޒީރުގެ އިތުރު ސާޖިރީއެއް ހަދައިފި، ނައިބު ވިދާޅުވީ "އުއްމީދު ބޮޑު" ކަމަށް

18 މެއި 2024

ބަޑިޖަހައި ޒަހަމްކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ އިތުރު ސާޖަރީއެއް ހަދާފައިވާ ކަމަށާއި ފުރާނަމަ ސަލާމަތްވުމުގެ އުއްމީދު ބޮޑުކަމަށް ބޮޑުވަޒީރުގެ ނައިބު ރޮބަޓް ކަލިނަކް ވިދާޅުވެއްޖެ އެވެ.

ބަޑިޖަހައި ޒަހަމްކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ އިތުރު ސާޖަރީއެއް ހަދާފައިވާ ކަމަށާއި ފުރާނަމަ ސަލާމަތްވުމުގެ އުއްމީދު ބޮޑުކަމަށް ބޮޑުވަޒީރުގެ ނައިބު ރޮބަޓް ކަލިނަކް ވިދާޅުވެއްޖެ އެވެ.

"ގާތްގަނޑަކަށް ދެ ގަޑިއިރުގެ ސާޖަރީއެއް ވަނީ ހަދާފައި. ހާލު އަދިވެސް ސީރިއަސް،" ހޮސްޕިޓަލު ބޭރުގައި ހުންނަވައިގެން ކަލިނަކް އިއްޔެ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކަލިނަކް ވިދާޅުވި ގޮތުގައި، މި ސާޖަރީއަށްފަހު ފިކޯގެ ފުރާނަމަ ސަލާމަތްވުމުގެ އުއްމީދު ބޮޑަސް، ސީދާ ހާލަތު އެނގޭނީ ދެ ދުވަސް ވަރު ފަހުންނެވެ.

ފިކޯގެ ގަޔަށް ބަޑިޖެހީ އެ ގައުމުގެ ހެންޑްލޯވާގައި އޮތް ބައްދަލުވުމަކަށް ފަހު ނުކުމެވަޑައިގެންނެވި ތަނުން ކަމަށް ސަރުކާރުން ބުންޏެވެ.

ހަމަލާދީފައި ވަނީ ފިކޯ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށާއި ހަމަލާދިނީ މިހާރު ހައްޔަރު ކޮށްފައިވާ މީހާ ކަމަށް ސްލޮވާކިއާގެ ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ ހާމަކުރައްވައިފަ އެވެ.

ހައްޔަރުކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

އެކަމަކު މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޖުރާޖް ސިންޓޫލާ ނަމަކަށް ކިޔާ ލިޔުންތެރިއެކެވެ. އޭނާއަކީ ޅެން ފޮތްތަކެއް ލިޔެފައިވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ފުލުހުން އިއްޔެ ވަނީ ކޮމްޕިޔުޓަރު ފަދަ ސަމާނުތަކެއް ގެންގޮސްފަ އެވެ.

އޭނާ މި ހަމަލާދިން ސަބަބެއް އަދި ސާފުނުވާއިރު، މިއަދު އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

ފިކޯއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައިވާ ސްލޮވާކިއާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން، ފިކޯ ވަނީ 2006-2010 އަށް އަދި 2012-2018 އަށް އެ މަގާމު އަދާކުރައްވައިފަ އެވެ.

މި ފަހަރު ވެރިކަމަށް ވަޑައިގެން، ފިކޯ ވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ރަޝިއާ އަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. ފިކޯ ވަނީ ޔޫކްރެއިނަށް ހަތިޔާރު ވިއްކުން ހުއްޓާލައްވައި، ޔޫކްރެއިންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.