Roadha Mihaaru
ހޮސްޕިޓަލުން އެރިކްސަންގެ ފުރަތަމަ ފޮޓޯ އާއްމުކޮށްފި

ހޮސްޕިޓަލުން އެރިކްސަންގެ ފުރަތަމަ ފޮޓޯ: "އަހަރެންގެ ހާލު ރަނގަޅު"

15 ޖޫން 2021

ކޯޕެންހޭގަން (ޖޫން 15) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހޭނިތިގެން ދަނޑު މައްޗަށް ވެއްޓުމުން މިހާރު ފަރުވާ ދެމުން އަންނަ ކްރިސްޓިއަން އެރިކްސަން، ހޮސްޕިޓަލުން ފުރަތަމަ ފޮޓޯ އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޯޕެންހޭގަން (ޖޫން 15) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހޭނިތިގެން ދަނޑު މައްޗަށް ވެއްޓުމުން މިހާރު ފަރުވާ ދެމުން އަންނަ ކްރިސްޓިއަން އެރިކްސަން، ހޮސްޕިޓަލުން ފުރަތަމަ ފޮޓޯ އާއްމުކޮށްފި އެވެ.

ހޮސްޕިޓަލުން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"ހޮސްޕިޓަލުގައި އޮވެ ބައެއް ޓެސްޓްތައް އަދިވެސް ހަދަން ޖެހޭ. އެކަމަކު މިހާރު އަހަރެންގެ ހާލު ރަނގަޅު،" ހޮސްޕިޓަލްގެ އެނދުގައި އޮވެ ހިނިތުންވުމާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އެރިކްސަން ލިޔެފައިވާ މެސެޖެއްގައި ބުނެފައިވެ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފިންލޭންޑާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކޯޕަންހޭގަންގައި ކުޅުނު މެޗުގެ 43 ވަނަ މިނިޓްގައި ކުއްލިއަކަށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުން ކުޅިވަރުގެ ދުނިޔެ އަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެރިކްސަނަށް ވަނީ ދަނޑުމަތީގައި 15 މިނިޓްވަންދެން ސީޕީއާރް ދީފަ އެވެ. ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ އެރިކްސަނަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުން ލިބެމުންދާ ހެޔޮ އެދުމުގެ މެސެޖްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އެރިކްސަންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ. "ޑެންމާކް ދެން ކުޅޭ މެޗުތަކުގައި ޓީމަށް އަހަރެން ހިތްވަރު ދޭނަން."

ޓީމުގެ ޑޮކްޓަރު މޯޓަން ބޮއެސަން ބުނީ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކުޅުންތެރިޔާ އަށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހެން މެދުވެރި ސަބަބު އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ. އެރިކްސަން ކުޅެމުން އަންނަ އިޓަލީގެ އިންޓަ މިލާނުގެ ޑޮކްޓަރު ޕިއެރޯ ވޮލްޕީ ވެސް ބުނީ އެރިކްސަންގެ ސިއްހީ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.