Roadha Mihaaru
އެރިކްސަން ހޭނެތިގެން ވެއްޓުމުން މެޗު ހުއްޓާލައިފި

އެރިކްސަން ހޭނެތިގެން ވެއްޓުމުން މެޗުގެ ކުޅުން މެދުކަނޑާލައިފި

12 ޖޫން 2021

ކޯޕަންހޭގަން (ޖޫން 12) - ޔޫރޯގެ ގުރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލެންޑް ކުޅެމުންދިޔަ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި، ހޭނެތުމާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލައިފި އެވެ.

ކޯޕަންހޭގަން (ޖޫން 12) - ޔޫރޯގެ ގުރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލެންޑް ކުޅެމުންދިޔަ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި، ހޭނެތުމާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލައިފި އެވެ.

އެރިކްސަން އަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ މިހާރު އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ދިމާވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، މެޗު ވަނީ މެދުކަނޑާލައިފަ އެވެ.

އިންޓަ މިލާންގެ މިޑްފީލްޑަރެއް ކަމަށްވާ އެރިކްސަން ،29، ފިންލެންޑްގެ ހާފުގެ ތެރެއިން ކުއްލި އަކަށް ވެއްޓުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. އަދި މިހާތަނަށް އޭނާ އަށް ވީ ގޮތެއް ސާފެއްނުވެ އެވެ.

ޔުއޭފާ އިން ނެރުނު ބަޔާނެއްގައި ބުނީ ފިންލޭންޑް - ޑެންމާކް މެޗުގައި ދިމާވި "ސިއްހީ އެމަޖަންސީއަކާ ގުޅިގެން" މެޗުގެ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ޔުއޭފާ އިން ބުނީ އެރިކްސަން އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު "ސްޓޭބަލް" ކަމަށެވެ.

އެރިކްސަން ވެއްޓުމާއެކު، ޑެންމާކްގެ ކުޅުންތެރިން އޭނާ ކައިރި އަށް ގޮސް، އެ ކުޅުންތެރިންގެ ހަރަކާތްތަކުން އެރިކްސަންނަށް ދިމާވީ ސީރިއަސްކަމެއްކަން އެނގިގެން ދިޔަ އެވެ. ދަނޑުމަތީގައި އެރިކްސަން އަށް ފަރުވާ ދެމުންދިޔައިރު، ޑެންމާކްގެ ކުޅުންތެރިން ތިބީ ސަފެއްހެން އެތުރިލައިގެނެވެ. ގިނަ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ.

ޑެންމާކްގެ ކޯޕަންހޭގަން ކުޅުނު މެޗަށް ވަދެ ތިބި ޑެންމާކްގެ ސަޕޯޓަރުން ދިޔައީ މި ހާދިސާގެ ކުރިން ވަރަށް ފޯރި ނަގަމުންނެވެ. އެކަމަކު އެރިކްސަން އަށް ދިމާވި ހާދިސާއާއެކު، މުޅި ދަނޑަށް ވެރިވީ ހަމަހިމޭންކަމެވެ. ޑެންމާކްގެ ސަޕޯޓަރުންގެ މޫނުމަތިން ވެސް ފެނިގެންދިޔައީ މާޔޫސްކަމެވެ.

ދަނޑުމަތީގައި އެރިކްސަން އަށް 15 ވަރަކަށް މިނިޓު ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. -- އޭއެފްޕީ