Roadha Mihaaru
"ހާލުގައި އުޅޭތީ" ލިބުނު ހިޔާ ފްލެޓްތައް ކުއްޔަށް!

ތަޅުދަނޑިއާ ހަވާލުވިތާ މަހެއް ނުވޭ، ހިޔާ ފްލެޓްތަކުގެ ކުލީގެ ވިޔަފާރި ފަށައިފި!

10 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ވެސް ނުވަނީސް އެ ތަނުގެ އެޕާޓްމަންޓްތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ފްލެޓްތަކުގެ ތަޅުދަނޑިތައް އެ ތަންތަނުގެ ވެރިފަރާތާ ހަވާލުކުރިތާ މަހެއް އަދި ނުވިޔަސް އެހެން މީސްމީހުންނަށް ފްލެޓްތައް ކުއްޔަށް ދޫކުރަން ފާޅުގައި މަސައްކަތް ކުރާއިރު އެއީ އެޗްޑީސީން މަނާކޮށްފައިވާ ކަމެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ވެސް ނުވަނީސް އެ ތަނުގެ އެޕާޓްމަންޓްތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ފްލެޓްތަކުގެ ތަޅުދަނޑިތައް އެ ތަންތަނުގެ ވެރިފަރާތާ ހަވާލުކުރިތާ މަހެއް އަދި ނުވިޔަސް އެހެން މީސްމީހުންނަށް ފްލެޓްތައް ކުއްޔަށް ދޫކުރަން ފާޅުގައި މަސައްކަތް ކުރާއިރު އެއީ އެޗްޑީސީން މަނާކޮށްފައިވާ ކަމެކެވެ.

ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ކަށަވަރުވި މީހުން ވެސް އެ ތަނުގައި ދިރިނޫޅެ، އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވެސް ވިދާޅުވެފައިވެ އެވެ. އަދި އެކަން ސާބިތުވެއްޖެ ނަމަ ފްލެޓް ދިން މީހާގެ އަތުން ފްލެޓް ދައުލަތަށް ނަގާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

މިއީ މަނާ ކަމެއް ކަމަށް ހަރު އަޑުން ސަރުކާރުން ބުނަމުން ދިޔަޔަސް، އެ ކަމަށް ފަރުވާލެއް ނެތި، ފްލެޓްތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުންގެ ވާހަކަތަކުން އެނގެ އެވެ. އެޕާޓްމަންޓުތައް ކުއްޔަށް ދޫކުރަން ސޯޝަލް މީޑިއާގައި ހިންގާ ބައެއް ޕްލެޓްފޯމުތަކުގައި މި "ކުޅިވަރު" ހާމަކަން ބޮޑު ގޮތެއްގައި ވަނީ ފަށައިފަ އެވެ. އެގޮތުން މިހާރު ޖަހާފައިވާ ބައެއް ޕޯސްޓުތަކުގައިވާ ގޮތުން ނަމަ ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޫކުރަނީ މަހަކު 10،000ރ. އަށެވެ. އެއީ ހިޔާ ފްލެޓެއް ކަމާއި ފްލޯ ނަމްބަރާއި މޮބައިލް ނަމްބަރު ޖަހައިގެން މި އިޝްތިހާރު ކުރަނީ ސިއްރަކުން ނޫނެވެ.

ހިޔާގެ ފްލެޓެއް ލިބުނު މީހެއްގެ އަތުން އެ ތަން ކުއްޔަށް ނެގި މީހަކު ބުނީ ތަނުގެ ވެރިމީހާ އަށް ފިނިޝިންގެ ކަންކަން އަމިއްލަ އަށް ނުކުރެވޭތީ ކުއްޔަށް ދިނީ ކަމަށެވެ. އޭނާ ބުނީ، ތިމާގެ މީހެއްގެ އަތުން އެ ފްލެޓް ކުއްޔަށް ނެގީ މަހަކު 10،000ރ. އަށް ކަމަށެވެ.

ހިޔާ ފްލެޓްތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުމުގެ ފޯރި ދަނީ ގަދަވަމުން.

ހިޔާ ފްލެޓްތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުމުގެ ފޯރި ދަނީ ގަދަވަމުން.

"އެ ތަން މަރާމާތު ކޮށްދިނުމަށް ފަހު ކޮންމެ މަހަކު 10،000ރ. ދައްކައިގެން [އަޅުގަނޑު] އުޅެން އެއްބަސްވެފައި އޮތީ،" އޭނާ ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތްކުރި 7،000 ފްލެޓްގެ އެއްބަސްވުމުގައިވާ ގޮތުން ފްލެޓް ކުއްޔަށް ދީގެން މަންފާ ހޯދުމަކީ މަނާ ކަމެކެވެ. ނަމަވެސް ފްލެޓްގައި އާއިލާގެ އެހެން ބަޔަކު ގޮސް އުޅުމެއް ނުހުއްޓުވަ އެވެ.

ސިވިލް ސާވިސްގެ ކެޓަގަރީން ފްލެޓެއް ލިބުނު މީހަކު ބުނީ މި ވަގުތު އެތަން ބޭބެއަކަށް އަށް ދިނީ، ކޮންމެހެން ވަގުތުން ވަގުތަށް ގޮސް އުޅެން ނުޖެހޭތީ ކަމަށެވެ. އޭނާ މި ވަގުތު ދިރިއުޅެނީ ފިރިމީހާގެ އާއިލާ އިން ހުޅުމާލެ އިން ގަނެފައިހުރި ބިމެއްގަ އެވެ.

ވިސްނުން އެބަހުރި އެތަނަށް ދާން. އެކަމަކު ފްލެޓް މި ވަގުތަށް ކޮންމެހެން މުހިއްމެއް ނޫން އަވަސް އަރުވާލައިގެން ދާން. ދަރިން ތަންކޮޅެއް ބޮޑުވީމާ އެ ފްލެޓަށް ބަދަލުވުމުގެ ވިސްނުން އެބަހުރި،"

ހިޔާ ފްލެޓް ކުއްޔަށް ހިފި އެހެން މީހަކު ކިޔައިދިން ގޮތުގައި ފްލެޓް ނެގީ އަގު ހެޔޮވުމުންނެވެ.

"ފްލެޓް ކުއްޔަށް ދިން ފަރާތުން މި ވަގުތު ބޭނުންވަނީ މާލޭގައި އުޅެން. ސްކޫލު ބަދަލުކުރަން ބޭނުން ނުވާތީ ކަމަށް ބުނީ. އެހެންވީމާ [މަހަކު] 12،000ރ. އަށް ލިބޭތީ ކުއްޔަށް ނަގަން ނިންމީ،" އޭނާ ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ހިޔާ ފްލެޓްތައް ކުއްޔަށް ދޭ ކަމުގެ ޝަކުވާތަކަށް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ޝަކުވާ ލިބިއްޖެ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"މީގެ ކުރިން ވެސް ހުންނާނެ އެފަދަ ފަރާތްތައް ޖޫރިމަނާ ކޮށްފައި،" ސުހައިލް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ލިބޭ ފްލެޓްތައް ކުއްޔަށް ދޭތީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް މުއައްސަސާތައް ހާޒިރުކޮށް ވެސް މި ކަމުގައި މަޝްވަރާ ކޮށްފައިވެ އެވެ. އެ މުއައްސަސާތަކުން އަބަދުވެސް ބުނަނީ އެފަދަ ކަމެއް ސާބިތުވެއްޖެ ހާލަތެއްގައި ފްލެޓް ލިބުނު މީހާގެ އަތުން އެ ތަން އަތުލާނެ ކަމަށެވެ. އެކަމަކު ކުއްޔަށް ދީގެން މަންފާ ހޯދާ އެއްވެސް މީހެއްގެ އަތުން މިހާތަނަށް ފްލެޓް އަތުލައިފައެއް ނުވެ އެވެ. ޖޫރިމަނާއަކުން ފުއްދައިލަނީ އެވެ.