Roadha Mihaaru
ފުލުހުންނަށް ހިލޭ ބާގާ ނުދީގެން މުވައްޒަފުން ހައްޔަރުކޮށްފި

ފުލުހުންނަށް ހިލޭ ބާގާ ނުދީގެން ޕާކިސްތާނުގެ ރެސްޓޯރަންޓެއްގެ މުވައްޒަފުން ހައްޔަރުކޮށްފި

16 ޖޫން 2021

ޕާކިސްތާނުގެ ރެސްޓޯރަންޓަކުން ފުލުހުންގެ ބަޔަކަށް ހިލޭ ބާގާ ނުދިނުމުން އެތަނުގެ މުވައްޒަފުންތަކެއް ހައްޔަކުރި މައްސަލައެއް ހޫނުވެ، ފުލުހުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނުގެ ރެސްޓޯރަންޓަކުން ފުލުހުންގެ ބަޔަކަށް ހިލޭ ބާގާ ނުދިނުމުން އެތަނުގެ މުވައްޒަފުންތަކެއް ހައްޔަކުރި މައްސަލައެއް ހޫނުވެ، ފުލުހުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިކަން ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ލާހޯރްގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ޗެއިން، ޖޯނީ އެންޑް ޖުގްނީގެ އައުޓްލެޓެއްގަ އެވެ. މައްސަލަކަށްވީ އެތަނަށް ދިޔަ ފުލުހުންގެ ބަޔަކު ހިލޭ ބާގާ އަށް ޑިމާންޑްކުރުމުން މުވަައްޒަފުން އެކަމަށް ދެކޮޅު ހެދުމެވެ. އަދި މިކަމާ ގުޅިގެން، ރެސްޓޯރަންޓްގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ 19 މީހަކު ފުލުހުން ގަދަކަމުން ހައްޔަރުކުރި އެވެ.

މިކަމާ ގުޅިގެން ޖޯނީ އެންޑް ޖުގްނީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މި ވަރުގެ ކަމެއް ދުވަހަކު ވެސް ކުރިން ކުރިމަތިވެފައި ނެތް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ފުލުހުން މީހުންނަށް ބިރު ދައްކައި ވިޔަފާރިތަކަށް ހަމަލާ ދިނުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ބުންޏެވެ.

"މިކަމެއް ކުރި އިރު އެތަން ގަދަކަމުން ބަންދުކޮށް، އެތެރޭގައި މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ވެސް ދީފައިވޭ،" ޖޯނީ އެންޑް ޖުގްނީ އިން ބުންޏެވެ. "އަދި މި އަމަލު ފުލުހުން ހިންގާފައި ވަނީ މީގެ ކުރިން ވެސް ހިލޭ ބާގާ އަށް ޑިމާންޑްކޮށް، މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފައި ވަނިކޮށް. އަދި މިކަމަކީ ފުލުހުންގެ ފަރާރުން ދިމާވާ އާންމު ކަމަކަށްވެފައި އޮތީ."

މުވައްޒަފުންތައް ހައްޔަރުކޮށްގެން ގެންދިޔައި އިރު އޭގެ ތެރޭގައި ބަދިދޭގައި މަސައްކަތްކުރާ މީހުން އުނދުނަށް އުދާފައި ހުރި ތަކެތި ވެސް ހުރީ އެގޮތުގަ އެވެ. އަދި އޭގެ ސަބަބުން އަލިފާނުގެ ބޮޑު ހާދިސާއެއް ނުހިނގައި ސަލާމަތްވި ކަމަށްޓަކައި ޝުކުރުކުރާ ކަމަށް ޖޯނީ އެންޑް ޖުގްނޫގެ ބަޔާނުގައި ބުންޏެވެ.

ހިލޭ ބާގާ ނުދީގެން ރެސްޓޯރަންޓެއްގެ މުވައްޒަފުންތަކެއް ހައްޔަކުރި މައްސަލާގައި މިހާރު ވަނީ އެކަމުގައި ޝާމިލްވި ނުވަ އޮފިސަރަކު ވަފީޒާ އިން ސަސްޕެންޑްކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން ލާހޯރްގެ ސީނިއާ ޕްރޮވިންޝަލް އޮފިސަރު އިނާމް ޢަނީ ވިދާޅުބީ އެއްވެސް ބަޔަކަށް ގާނޫނު އަތްމައްޗަށް ލައިގެން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ފުރތުސަތު ނުދެއްވާނެ ކަމަށެވެ.

"މި ހަޑި ހުތުރު އަމަލު ހިންގި ހުރިހާ ފުލުހުންނަށް ހައްގު އަދަބު ދެވޭނެ." އޭނާ ވިދާޅުވި އެވެ.

ލާހޯރް ފުލުހުންގެ ފަރާތުން ދަށް ފެންވަރުގެ އަހުލާގީ މައްސަލައެއް ފެންމަތިވި އިރު، ޕާކިސްތާނުގެ ޕަންޖާބް ފުލުހުންގެ ހިދުމަތް ރިފޯމްކުރަން ވެސް ދާދި ފަހުން ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވާފައިވެ އެވެ.