Roadha Mihaaru
ގެއެއް އަޅަން 700،000ރ. ކުޑަތަ؟

ގެއެއް އަޅަން 700،000ރ. ކުޑަތަ؟

17 ޖޫން 2021

ފުވައްމުލަކަަށް އުފަން ޝާހާ އަށް ގޯތި ލިބިފައި އޮންނތާ މިހާރު 13 އަހަރު ވެއްޖެ އެވެ. އެކަމަކު ފައިސާ ނެތިގެން ގެއެއް އެޅޭ ގޮތެއް ނުވި އެވެ. އޭނާގެ ހުވަފެންތަކަށް ނިމުން އައީ ސަރުކާރުން އިއުލާނު ކުރި "ގެދޮރުވެރިޔާ" ލޯނު ޕްރޮގްރާމާ އެކު އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކަަށް އުފަން ޝާހާ އަށް ގޯތި ލިބިފައި އޮންނތާ މިހާރު 13 އަހަރު ވެއްޖެ އެވެ. އެކަމަކު ފައިސާ ނެތިގެން ގެއެއް އެޅޭ ގޮތެއް ނުވި އެވެ. އޭނާގެ ހުވަފެންތަކަށް ނިމުން އައީ ސަރުކާރުން އިއުލާނު ކުރި "ގެދޮރުވެރިޔާ" ލޯނު ޕްރޮގްރާމާ އެކު އެވެ.

ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ގޯތީގައި ގެއެއް އަޅަން އެކިފަހަރު އޭނާ މަސައްކަތް ކުރި ނަމަވެސް އެކަމަށް ބޭނުންވާ ވަރަށް ފައިސާއެއް ނެތެވެ. އޭނާއެކޭ އެއްފަދައިން، ފުވައްމުލަކުގައި އެކަނި ވެސް 300 އަށް ވުރެ ގިނަ ގޯތި އޮތީ ނުހެދި އެވެ. މައްސަލަ އަކީ ފައިސާ އެވެ.

ސަރުކާރުން އިއުލާންކުރި "ގެދޮރުވެރިޔާގެ ލޯނު" އަކީ، ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ފެށުމެކެވެ. އޭނާ ވިދާޅުވާ ގޮތުގައި، 700،000ރ. އަކީ ދެ ކޮޓަރީގެ ރަނގަޅު ފެންވަރުގެ ގެއެއް އަޅަން ހަމަ ރަނގަޅު އަދަދެއް ކަމަށް، އެ ރަށުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ބުނެ އެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲގެ ވިސްނުން ވެސް ހުރީ އިސްމާއިލާ އެއްގޮތަކަށެވެ. އޭނާ ވެސް ވިދާޅުވީ، ހަތް ލައްކަ ރުފިޔާ އިން އެޅޭނީ ވަރަށް އާދައިގެ ފެންވަރެއްގެ ގެއެއް ކަމަށެވެ. ރަނގަޅު ފެންވަރުގެ ގެއެއް އަޅަން އެންމެ ކުޑަވެގެން މިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު މި ރަށުގައި ވެސް [ގދ. ތިނަދޫ] ގައި ވެސް ގެދޮރު ނޭޅި އެބަތިބި. އާންމުކޮށް އާއިލާތަކުން ބޭނުންވާނީ ތިން ރޫމް އެޕާޓްމެންޓް. އެކަމަކު ހަތް ލައްކަ ރުފިޔާ އެވަރު ވާނެ ހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. "މި އަދަދު ބޮޑުވެއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ."

ދިއްދޫގައި އިމާރާތް ކުރާ ފްލެޓްތަކެއް: ރަށްރަށުގައި ހުސް ގޯތި ގިނަ -- ފައިލް ފޮޓޯ

ދިއްދޫގައި އިމާރާތް ކުރާ ފްލެޓްތަކެއް: ރަށްރަށުގައި ހުސް ގޯތި ގިނަ -- ފައިލް ފޮޓޯ

އައްޑޫގައި މިހާރު ވެސް 500 އަށް ވުރެ ގިނަ ގޯތީގަައި ގެދޮރު ނޭޅި އެބަހުއްޓެވެ. ގިނަ ބަޔަކަށް ގެދޮރު އިމާރާތް ނުކުރެވިފައި އޮތީ އެކަމަށް ބޭނުންވާ ފައިސާ ނެތުމުންނެވެ. އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުގެ އާ ސްކީމާ އެކު އައްޑޫގެ ގިނަ ބަޔަކަށް ވެސް ގެދޮރު އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ، ހަތް ލައްކަ ރުފިޔާއިން އާދައިގެ ފެންވަރެއްގެ ގެއެއް އެޅޭނެ ކަމަށެވެ. އަދި މި ފަދަ ކަމެއް ފެށުން ވެސް އެއީ އުފަން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ފެށި ވަރަށް މުހިއްމު ކަމެއް. ރަށްރަށުގެ ގިނަ ބަޔަކަށް މީގެއިން ފައިދާ ވާނެ،" އޭނާ ވިދާޅުވި އެވެ.

ކަންބޮޑުވުމަކީ ކޮބާ؟

ސަރުކާރުން ހޯމަ ދުވަހުގެ ރޭ އިއުލާން ކުރި 170 މިލިއަން ރުފިޔާގެ ލޯނު ސްކީމް ބުނާ ގޮތުން ލޯނު ދޫކުރާނީ މީހަކަށް ގިނަވެގެން 700،000ރ. އެވެ. އެއީ އަހަރަކަށް ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު ގިނަވެގެން 20 އަހަރުން ދައްކާ ގޮތަށެވެ. މި ލޯނާ ބެހޭ ގޮތުން އާންމުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ހަތް ލައްކަ ރުފިޔާ އަކީ މިހާރަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫނެވެ.

"ބޯހިޔާވަހިކަން ހައްލުކުރަން ދޫކުރާ ލޯނެއް މިއީ. އެއް މައްސަލައަކީ މިވަރުގެ އަދަދުން ނުވާނެކަން. ހަތް ލައްކަ އަކީ ގެއެއް އަޅަން ވަރަށް ކުޑަ އެއްޗެއް. އަނެއް ކަމަކީ އާންމު ދިރިއުޅުމަށް ކުރާ އިންވެސްޓްމަންޓަކަށް ބަލާއިރު އިންޓަރެސްޓް އަދިވެސް ބޮޑު،" އެކަކު ބުންޏެވެ.

"ރަށްރަށުގައި ގޯތި ބަހައިގެން މިހާރު މީހަކަށް މި ލިބެނީ ގާތްގަނޑަކަށް އެންމެ ބޮޑުވެގެން ވެސް ހާހެއްހާ އަކަފޫޓު. އެވަރުގެ ތަނެއްގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނޭޅޭނެ ހަތް ލައްކަ ރުފިޔާއަކުން. އެ އަށް ވުރެ ކުޑަ ބިންކޮޅެއް ވިއްޔާ ފައުންޑޭޝަނާއި ސީޓް އަޅަން ޖެހޭނެ. ހަތް ލައްކަ ރުފިޔާ އިން ވާނެ ގޮތެއް ނުވިސްނޭ."

އިސްމާއިލް ރަފީގު ވެސް ވިދާޅުވީ ހަމައެކަނި އޮތް ކަންބޮޑުވުމަކީ ރަނގަޅު ފެންވަރެއްގެ ގެއެއް ހަދަން ބޭނުންވެފައި ތިބި މީހުންނަށް ނުވަތަ ދެ ބުރިއަށް ގެ ނަގަން ބޭނުންވާ މީހުންނަށް މި ވަރުގެ ލޯނަކުން އެކަން ނުވުން ކަމަށެވެ.

ރަށުގައި އުޅޭ ގިނަ ބަޔަކު މިހާރު ބޭނުން ވަނީ ދެ ބުރިއަށް ގެ އުފުލަން. ދެ ބުރިއަށް ގެ އުފުލުމުން ގޯތި ތެރޭގައި ކުދިން ކުޅެލާނެ ޖާގަ އާއި ނުވަތަ ގަސް އިންދާނެ ޖާގަ ވެސް ލިބޭނެ -- ފުވައްމުލަކު މޭޔަރު

"ރަށުގައި އުޅޭ ގިނަ ބަޔަކު މިހާރު ބޭނުން ވަނީ ދެ ބުރިއަށް ގެ އުފުލަން. ދެ ބުރިއަށް ގެ އުފުލުމުން ގޯތި ތެރޭގައި ކުދިން ކުޅެލާނެ ޖާގަ އާއި ނުވަތަ ގަސް އިންދާނެ ޖާގަ ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އާންމުންގެ ވިސްނުމުގައި، 700،000ރ.ގެ ލޯނުގެ ބޭނުމަކީ، ސަރުކާރުން ބުނެފައިވާ ގޮތަށް ރަށުން ހިޖުރަނުކޮށް ވާނެ ގޮތެއް ހޯދުމެވެ. އެކަމަކު، އެތަނުގައި ދިރިއުޅެމުން، 20 އަހަރު ވަންދެން މަހަކު 5،000ރ. ސަރުކާރަށް ދެއްކުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

"ރަށުގައި ވަޒީފާ އަދާކޮށްގެން މި ލިބެނީ ގިނަވެގެން މަހަކު 8،000ރ،. އޭގެ ތެރެއިން ލޯނަށް 5،000ރ. ކަނޑާލީމަ ދެން އުޅެވޭނެ ގޮތެއް ނެތް،" މީހަކު ހިޔާލު ފާޅުކުރި އެވެ.

އެހެން މީހަކު އެ ހިޔާލަށް ތާއީދުކުރަމުން ބުނި ގޮތުގައި، މިސާލަކަށް މިލިއަނެއްހާ ރުފިޔާގެ ލޯނެއް ދީފައި ކުއްޔަށް ދެވޭ ވަރުގެ ރަނގަޅު ފެންވަރުގެ އެޕާޓްމެންޓެއް ހެދޭނެ ގޮތް ފަހިކޮށްދިން ނަމަ، އެތަނުން އާމްދަނީއެއް ލިބުމުގެ މަގު ފަހިވީސް ކަމަށެވެ.

އެކަމަކު ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއިލް އަލީގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯނުގެ އަދަދު 700،000ރ. އަށް ވުރެ ބޮޑު ވެއްޖެ ނަމަ ބޮޑުވެއްޖެ ނަމަ ނުކުމެދާނެ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

ތުޅާދޫގެ މަގެއް: ގެދޮރު ނޭޅި ގިނަ ބަޔަކު އެބަތިބި-- ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫގެ މަގެއް: ގެދޮރު ނޭޅި ގިނަ ބަޔަކު އެބަތިބި-- ފޮޓޯ: ތުޅާދޫ އޮންލައިން

"އޭރުން ހުރިހާ ރައްޔިތުންނަށް ލޯނު ދޭން ވެސް އުނދަގޫވާނެ. މިއީ ގެއެއް އަޅަން އަޅުގަނޑަށް ހަމަ އެކަށީގެންވާ އަދަދެއް. ލޯނުގެ އަދަދު އެހާ ބޮޑުވެއްޖަ ނަމަ ދެއްކުމުގައި އާންމުންނަށް ދަތިތައް ވެސް ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.

އިންޓަރެސްޓް ރޭޓް ބޮޑެއް ނޫން، އަދަދު ވެސް ކުޑައެއް ނޫން

ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ރޭ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި ލޯނުގެ އިންޓަރެސްޓް ރޭޓަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ހައުސިން ލޯނުތައް ދެވޭނެ އެންމެ ކުޑަ ރޭޓެވެ.

"އަހަރުން އަހަރަށް ލޯނުގެ އިންޓަރެސްޓް ރޭޓް އެރުން އެއީ ލޯނުތަކުގެ އުސޫލު. އަވަހަށް ދެއްކީމަ އިންޓަރެސްޓް ކުޑަވާނެ. މިސާލަކަށް 20 އަހަރަށް މަޑުނުކޮށް ފަސް އަހަރުން ދައްކައިފިއްޔާ އިންޓަރެސްޓަށް އަރާނީ އެންމެ ލައްކައެއްހާ ރުފިޔާ. އެއީ އެކަން އޮންނަ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

"ހަ ޕަސެންޓަކީ ވަރަށް ކުޑަ އަދަދެއް. އެއީ ވިޔަފާރި އުސޫލުން އެކަން ކުރާ ގޮތެއް ނޫން އެއްގޮތަކަށް ވެސް."

ސަރުކާރުން ދޫކުރާ ލޯނުން 700،000ރ. ނަގައިގެން، 20 އަހަރުން ދައްކާ ނަމަ މަހަކު 5015ރ. ދައްކަން ޖެހެ އެވެ. އޭގެ މާނައަކީ ލޯނު ދައްކާ ނިމޭއިރު އިތުރަށް 500،000ރ. ވަރު ދައްކަން ޖެހޭނެ ކަމެވެ. މި ނިސްބަތުން ބެލިޔަސް، ހައުސިން އަށް ދޫކުރާ އެހެން ސްކީމްތަކުގެ ލޯނުތަކާ އަޅާ ބަލާއިރު އެއީ ގާތްގަނޑަކަށް 50 ޕަސެންޓް ކުޑަވުމެކެވެ.

މާލެ އިން ކޮންސްޓްރަކްޝަން ކުންފުނިތައް ގެންގޮސްގެން 700،000ރ. އަށް ގެ ނޭޅިދާނެ. އެކަމަކު ރަށުގައި އުޅޭ ކުންފުނިތައް ލައްވާ ހެޔޮވަރުގެ ގެއެއް 700،000ރ. އިން އެޅޭނެ ކަމަށް އަޅުގަނޑު ދެކެނީ -- މިނިސްޓަރު

އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ބޮޑެތި ގެތަކެއް އެޅުމަށް ލޯނު ދޫކުރުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސްކީމުގައި ސަރުކާރުން ވިސްނީ އަޅަން ފަށައި، ނުނިމި ހުރި ގެތައް ނިންމައިދިނުމަށް އެހީތެރިވެ ދިނުމެވެ.

"ތެދެއް، ބުރިބުރި އަށް ގެ އަޅައިގެން، މާލެ އިން ކޮންސްޓްރަކްޝަން ކުންފުނިތައް ގެންގޮސްގެން 700،000ރ. އަށް ގެ ނޭޅިދާނެ. އެކަމަކު ރަށުގައި އުޅޭ ކުންފުނިތައް ލައްވާ ހެޔޮވަރުގެ ގެއެއް 700،000ރ. އިން އެޅޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.