Roadha Mihaaru
ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ބޮޑު ނުވާ ލޯނުތަކެއް

ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ބޮޑު ނުވާ ލޯނުތަކެއް ގެދޮރު ހަދަން ދޫކުރަން ފަށަނީ

25 މާޗް 2024

ގެދޮރު އެޅުމަށްޓަކައި ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް ލޯނުތަކެއް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގެދޮރު އެޅުމަށްޓަކައި ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް ލޯނުތަކެއް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މައްޗަށްގޮޅި މެދުދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަލަށް އެތައް ކަމެއް ކުރަން ފަށާނެ ކަމަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ވިދާޅުވެފައި ވާނެ ކަމަށެވެ.

އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ރޭޓް މަތި ނުވާނެ ލޯނު ސްކީމްތަކެއް ތައާރަފު ކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ އެ ގޯތީގައި ގެ އެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް، އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައި ވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ފުރަތަމަ އަމިއްލަ ގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެކެވެ.

ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާ އަށް ވާދަކުރަން އެންމެ ފަހުން ނިންމި ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގެން ބައެއް ޒުވާނުންނާ ސަލާން ކުރައްވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާ އަށް ވާދަކުރަން އެންމެ ފަހުން ނިންމި ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގެން ބައެއް ޒުވާނުންނާ ސަލާން ކުރައްވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކަން ކުރުމަށްޓަކައި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ވަރަށް ގިނަ ކަންކަން ކޮށްފައި ވާނެ ކަމަށާއި ލޯނު ދޫކުރުމަށް މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ. ވަރަށް އަވަހަށް އެ ލޯނުތަކަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ތެރެއިން މިނިސްޓްރީތަކާ ގުޅިގެން ދާދި އަވަހަށް، މި ދެންނެވި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށްޓަކައި އަތްފޯރާ ފަށުގެ ލޯނު ސްކީމް ހުޅުވާލާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއީ ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސް ލޯނުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ގެ ނުވަތަ އިމާރާތް އަޅަން ފެށުމަށް ފަހު ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށް "ހޯމް ކޮމްޕްލިޝަން ލޯން" އެއް ތައާރަފް ކުރާނެ ކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު، ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާގެ ކެންޑިޑޭޓް ޒަމީރުއާ މިރޭ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒު، ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާގެ ކެންޑިޑޭޓް ޒަމީރުއާ މިރޭ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަދި ގިނަ ދުވަސްވެ، މަރާމާތު ކުރަން ޖެހިފައިވާ ގެ ތަކަށް ބޭނުންވާ ލޯން ސްކީމެއް ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ދޫކުރަން ފަށާނީ އަލަށް ގެދޮރު އެޅުމަށްޓަކައި ދޫކުރާ ލޯނުތައް. އެ މަސައްކަތް އެންމެ ބާރަށް ގޮސް މިހާރު ނިމުމަކާ ހަމައަށް ގޮސްފައި މި ވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހޯމް ކޮމްޕްލިޝަން ލޯން" އަދި "ރިނޮވޭޝަން ލޯން" އެ އަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މުޅި ރާއްޖެއަށް ދޫކުރާ އެ ލޯނުތަކަކީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިންމު ލޯނުތަކަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.