Roadha Mihaaru
ނަފުރަތުގެ ބިލަށް އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން

ނަފުރަތުގެ ބިލަށް ކަންބޮޑުވުންތައް އެބަހުރި، މަޖިލީހަށް ފޮނުވާނަން: އިސްލާމިކް މިނިސްޓަރު

17 ޖޫން 2021

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ހުއްޓުވަން ކަމަށް ބުނެ، ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލާއި މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަަމަަށާއި އެ ކަންބޮޑުވުންތައް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ހުއްޓުވަން ކަމަށް ބުނެ، ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލާއި މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަަމަަށާއި އެ ކަންބޮޑުވުންތައް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ބިލަށް ކޮމެންޓް ކުރުމަށް ޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާ ވެސް މިހާރު ހޯއްދަވާފައިވާ ކަމަށާއި އޭގެ އިތުރުން ވެސް ދީނީ އިލްމުވެރިންގެ ލަފާ ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑު އެދުނީ ފަތުވާ މަޖިލީހުގެ ލަފަޔަކަށް. ދެން އެބޭފުޅުންގެ ހުރި ކަންބޮޑުންތައް އެބަހުރި ފޮނުއްވާފައި. އަޅުގަނޑުމެން އިލްމުވެރިންނާ އެކު އިށީނދެ އެލަފަޔާއި އެހެން ކަންބޮޑުވުންތަކާ މެދުގައި ވެސް އަދި މަޝްވަރާ ކުރާނަން،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލަށް ކޮމެންޓް ކުރަން އެދި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައި ސިޓީއަށް ހޯމަ ދުވަހު ޖަވާބު ދެއްވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިލާއި މެދު ފަތުވާ މަޖިލީހުން އޭނާއަށް ދިން ލަފާާގައި ޖުމްލަގޮތެއްގައި ހުރީ ބައެއް ދީނީ އިލްމުވެރިން މިހާރުވެސް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކެވެ. އެހެން ނަމަވެސް ބިލުގެ ވަކިވަކި މާއްދާތަކަށް އެ މަޖިލީހުން ކަންބޮޑުވުން ފާޅުނުކުރައްވާ ކަމަށާއި ދެއްވާފައި އޮތީ ޖުމްލަ ލަފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފަތުވާ މަޖިލީހުން މިނިސްޓަރަށް ދިން ލަފާގައި ފާޅުކޮށްފައިވާ އެއް ކަންބޮޑުވުމަކީ ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަަވަސްކަމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުމެވެ. އިސްލާމީ ތަރުބިއްޔަތާއި، ނުބައިކަންތައްތަކުން މީހުން ދުރުކުރަން ނަސޭހަތްތެރިވުން ފަދަ ކަންތައްްތަކަށް ވެސް ބިލު މިހާރު އޮތް ގޮތުން ހުރަސްތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ފަތުވާ މަޖިލީހުގެ ސިޓީގައި ފާޅުކޮށްފައިވެ އެވެ.

"އެހުރިހާ ކަަމަކާ އެކު ބިލުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް ގެއްލުންވާނެ ކަމުގެ ކަންބޮޑުވުން ފަތުވާ މަޖިލީހުގެ ލަފާގައި ފާޅުކޮށްފައިވޭ،" މައުލޫމާތު ލިބި ހުރި އޮފިޝަލަކު ވިދާޅުވި އެވެ.

އަގީދާއާއި ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހަދަން ފޮނުވި ބިލުގެ ފުރަތަަމަ ކިއުން ރައްޔިތުންގެ މަޖިލީހަށް އިއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ބިލް މަޖިލީހަށް ތައާރަފްކޮށް އިބްތިދާއީ ބަހުސް ފެށީ މިދިޔަ އަންގާރަދުވަހު ބޭއްވި ޖަލްސާގަ އެވެ. މަޖިލީހަށް ބިލް ބަލައިގަނެ، ދިރާސާކުރުމަށް ޓަކައި މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމީ އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަންރައިޓްސް ކޮމިޝަނުގެ ކޮމެންޓް ހޯދުމަށެވެ. ބިލަށް ކޮމެންޓް ދިނުން އެދި ކޮމިޓީން މިހާރު ވަނީ އެ ތިން ތަނަށް ވެސް ސިޓީ ފޮނުވައިފަ އެވެ.