Roadha Mihaaru
މިސް ވޯލްޑް މަނޫޝީ އަށް ތިން ވަނަ ފިލްމެއް

ފުރަތަމަ ފިލްމު ރިލީޒް ނުވަނީސް މަނޫޝީ އަށް ތިން ވަނަ ފިލްމެއް

19 ޖޫން 2021

ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ އާ ބަތަލާއިންގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެކަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އޭނާ ފުރަތަމަ ފިލްމު "ޕްރިތުވީރާޖް" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 5 އަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ އާ ބަތަލާއިންގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެކަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އޭނާ ފުރަތަމަ ފިލްމު "ޕްރިތުވީރާޖް" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 5 އަށެވެ.

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެ ފިލްމަކި އަކްޝޭ ކުމާރު ބަތަލުގެ ތާރީހީ ހަނގުރާމަ ފިލްމެކެވެ. ފުރަތަމަ ފިލްމު ރިލީޒް ނުވަނީސް ހަމަ އެ ސްޓޫޑިއޯގެ ދެވަނަ ފިލްމެއްގެ މަސައްކަތް ވެސް މަނޫޝީ، 24، ނިންމާފައިވެ އެވެ. އެއީ ވިކީ ކޯޝަލާ އެކު ކުޅެފައިވާ ކޮމެޑީ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން މަނޫޝީ މިހާރު ވަނީ ވައިއާރްއެފްގެ ތިން ވަނަ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. މި ފިލްމަކީ އޭގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ ވަރުގަދަ ސުޕަހީރޯ ފިލްމެކެވެ. އަޖޭ ދޭވްގަން ވިލަންގެ ރޯލު ކުޅެން އެެއްބަސްވުމަށް ފަހު، ދޫކޮށްލާފައިވާ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިވް ރާވައިލްގެ ފިލްމެކެވެ.

ނަން އަދި އިއުލާންނުކުރާ ފިލްމުގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ އަހާން ޕާންޑޭ، 23، އެވެ. އޭނާ އަކީ ބޮލީވުޑްގައި މިހާރު ފިޔަޖަމުން އަންނަ ޒުވާން ބަތަލާ އަނަންޔޭ ޕާންޑޭގެ ކަޒިންއެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަހާންގެ ފިލްމުގެ ބަތަލާގެ ރޯލަށް މަނޫޝީ ހަމަޖައްސައި، މި އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފެށުމަށް ވާން ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ވައިއާރްއެފް ކަހަލަ ވަރުގަދަ އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްއެއްގެ ފިލްމުތަކުން ފުރުސަތު ލިބުމަކީ މަނޫޝީ ކަހަލަ އާ ބަތަލާއަކަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. މީގެ ކުރިން ވެސް އެ ސްޓޫޑިއޯ އަކީ އާ ބަތަލާއިންނާއި ބަތަލުން ފިލްމީ ދާއިރާ އަށް ނެރެފައިވާ ސްޓޫޑިއޯއެކެވެ.

ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްރާގެ މޭސްތިރިކަމުގެ ދަށުން ހިންގާ ވައިއާރްއެފަކީ އާންމުކޮށް އާ ފަންނާނުންނާ އެކު ތިން ފިލްމުގެ ޑީލް ހަދާ ސްޓޫޑިއޯއެކެވެ. މަނޫޝީ އަށް މިހާރު މިއޮތީ އެ ފުރުސަތު ކަށަވަރުވެފަ އެވެ.

އެހެންވެ ބެލުންތެރިން މިހާރު އެންމެ ބޮޑަށް އިންތުޒާކުރަނީ "ޕްރިތުވީރާޖް" އަށެވެ. ކޮވިޑް-19 ގެ ހާލަތު ކުރިމަތިނުވި ނަމަ މި ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކޮށްފައިވާ އޮންނާނެ ފިލްމެކެވެ.

މީގެ ކުރިން ވެސް މިސް ވޯލްޑްގެ ތާޖާ އެކު ރީތީގެ ރާނީން ބޮލީވުޑަށް ނުކުމެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އައިޝްވާރިއާ ރާއީ އާއި ޕްރިޔަންކާ ޗޯޕްރާ އެވެ.