Roadha Mihaaru
ޝާފިއުގެ ދަރިން ރައްކާތެރި މާހައުލަކަށް ގެންދަނީ

ޝާފިއުގެ ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުން: އެޗްއާރްސީއެމް

18 ޖޫން 2021

ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ޝާފިއުގެ އާއިލާގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ މައްސަލަ އެ ކޮމިޝަނަށް ޑިސެމްބަރު 12، 2019 ގައި ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް، ޝާފިއުގެ އާއިލާ އަށް ޒިޔާރަތް ކުރުމަށް އެދުނު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"ކޮމިޝަނުގެ އެދުމުގެ މަތިން އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު، ފާހަގަވި ކަންކަން ކޮމިޝަނާ ވަނީ ހިއްސާކޮށްފަ އެވެ. އަދި މި މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާ އިން މަސައްކަތް ކޮށްފައިވެ އެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، ކުދިން ބަހައްޓާ މަރުކަޒުތަކަށް އެ ކުދިން ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި އެކަން އަދި ހަމަޖެހިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން އެކަމަށް ވަރަށް އިސްކަމެއްދީގެން ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް އެކަން އަންގައި، މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން އައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ޝާފިއުގެ އާއިލާ އާއި އެކޮމިޝަނުން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ތަހުގީގުކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން ޝާފިއު އަދި އޭނާގެ އަންހެނުންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ދެމަފިރިންގެ ހަތަރު ދަރިން ވެސް ތިބީ ޖަލުގައި ކަމަށާއި، މި ހާދިސާ ހިނގިތާ ކުރީކޮޅު އެ ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވެސް ދެކޮޅު ނޫން ކަމަށް ކޮމިޝަނުގެ ބަޔާނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް

"ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މި ކޮމިޝަނާ ހިއްސާކުރި މައުލޫމާތުން ފާހަގަ ކުރެވުނެވެ." އެޗްއާރުސީއެމް އިން ބުންޏެވެ.

މި ކުދިންނަކީ ކުށެއް ނެތި ޖަލުގައި ތިބޭ ކުދިންތަކެއް ކަމުން އެ ކުދިން ގެނައުމާ ގުޅޭ ގޮތުން ކޮމިޝަނުން އިސްވެ އާއިލާއާ މަޝްވަރާ ކުރުމުން، ކުދިންގެ ބެލެނިވެރިން ކުދިން ގެނައުމަށް، ފަހުން އެއްބަސްވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ހިއްސާކުރި ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ. އަދި އެ ކޮމިޝަނުން ވަގުތުން އެކަން ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ކަމަށާއި ކުދިން ގެނައުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރިއަށްގެންދާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ވަނީ ރޭ ބަޔާނެއް ނެރެފަ އެވެ. ފުލުހުން ވަނީ މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.