Roadha Mihaaru
އަފްގާނުގެ ނުރައްކާ ރާއްޖެއަށް އޮތުމުން ފިޔަވަޅުތަކެއް

އަފްގާނިސްތާނުގެ ނުރައްކާ ރާއްޖެއަށް އޮތުމުން ފިޔަވަޅުތަކެއް އަޅަނީ

27 ސެޕްޓެމްބަރ 2021

ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ތާލިބާނުން އަފްގާނިސްތާނުގައި އުފެއްދި ސަރުކާރާ އެކު ހައްދުފަހަނައެޅި ފިކުރު ފުޅާވެ ރާއްޖެ އަށް ވެސް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމާ އެކު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ތާލިބާނުން އަފްގާނިސްތާނުގައި އުފެއްދި ސަރުކާރާ އެކު ހައްދުފަހަނައެޅި ފިކުރު ފުޅާވެ ރާއްޖެ އަށް ވެސް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމާ އެކު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އަފްގާނިސްތާނުގެ ސަރުކާރު މިދިޔަ އޮގަސްޓު 15 ގައި ވެއްޓުނީ އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިން ފޭބުމުން ތާލިބާނުންގެ ބާރުގަދަކުރުމުންނެވެ.

އެ ގައުމަށް އެމެރިކާ ސިފައިން އެރީ ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅަށް އެމެެރިކާ އިން ހަނގުރާމަ އިއުލާން ކުރުމާއެކުގަ އެވެ.

އެމެރިކާގެ ސިފައިން އަފްގާނިސްތާނަށް އެރުމާ އެކު އޭރު އޮތް ތާލިބާނުންގެ ވެރިކަން ވެއްޓުނަސް 20 އަހަރު ވަންދެން ކުރި މަސައްކަތުން ވެސް ތާލިބާނުން އެއްކޮށް ބަލިކޮށްލެވިފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމުން އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ހެދި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް ވިދާޅުވީ އަފްގާނިސްތާނަށް އައި ބަދަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގައުމުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަންޏެއް ނޫން. ގައުމީި ސަލާމަތާ ބެހޭ ހުރިހާ ދާއިރާއަކުން ވެސް އެކަން ކުރިއަށް އެބަގެންދަވާ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ދުރާލައި އަޅަން ޖެހޭ ފިޔަވަޅުތައް ގައުމީ ލެވެލްއެއްގައި އަޅަން މަޝްވަރާތައް ކުރިއަށް އެބަދޭ."

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ލަފާ ވެސް ފުލުހުން އަރުވާނެ އެވެ.

އަފްގާނިސްތާނުގެ ވެރިކަން ވެއްޓުނުއިރު ދިވެހި އާއިލާއެއް އެ ގައުމުގެ ޖަލުގައި ތިއްބެވެ. އެ މީހުން މިނިވަންވެ ރާއްޖެ އައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި އަފްގާނިސްތާނާއި ޕާކިސްތާނަކީ ސީރިއާ އާއި އިރާގުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ވުރެން ކުރިން ވެސް ދިވެހިންގެ ބަޔަކާ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. އެހެންވެ 2000 ވަނަ އަހަރުގެ ކުރީކޮޅާއި 2012 އާ ހަމައަށް ވަރަށް ގިނަ ދިވެހިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓެރަރިސްޓް ޖަމާއަތްތަކާ ބައެއް ދިވެހިންނާ ޒަމާންވީ ގުޅުމެއް އޮންނާނެ ކަމަށް ބެލެވޭތީ އާއި ސީރިއާ އާއި އިރާގަށް ވުރެން އަފްގާނިސްތާނަކީ މާ ބޮޑަށް ވެސް ރާއްޖެއާ ކައިރީގައި އޮންނަ ތަނަކަށް ވާތީ އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"އެހާ އުނދަގުލެއް ނުވާނެ އެތަނަށް ވަންނާކަށެއް ވެސް. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން މި ތިބީ."

އަފްގާނިސްތާނުގެ ސަރުކާރުގެ ބަދަލު ބަލައިގަންނާނެކަން ނުވަތަ ނޫންކަން ރާއްޖޭން ރަސްމީކޮށް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެކަމަކު އދ.ގެ އާއްމު ޖަލްސާގައި މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖޭން ބޭނުންވާ ކަމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮންނަން ރާއްޖޭން އެދޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ގައުމުގައި އިންތިހާބުކޮށްފައިވާ ސަރުކާރެއް އޮތުން މުހިއްމު ކަމަށާއި އެއީ އަފްގާނިސްތާނަކީ އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރި އަދި ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ގައުމަކަަށް ވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އަފްގާނިސްތާނުގެ ނުރައްކާ އޮތް ކަމަށް ސަލާމަތީ ހިދުމަތްތަކުން ދެކޭ އިރު، ހަރުކަށި ފިކުރުގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް ރާވައި ހިންގުމާއި އެ ފިކުރަށް މީހުން ވެއްދުމުގެ ސެލްތަކެއް ރާއްޖޭގައި ހިންގާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަދި ހަރުކަށި ފިކުރުގެ ބަޔަކު ދޫވެފައިވާ އިރު އެ މީހުން ރަނގަޅަށް މޮނިޓާކުރެވޭނެ ނިޒާމެއް ނެތުމަކީ ވެސް ސަލާމަތީ ހިދުމަތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ.