Roadha Mihaaru
ބީއެމްއެލްގެ އާ މޯބައިލް އެޕް ތައާރަފު ކޮށްފި

އާ ފީޗާތަކާއެކު ބީއެމްއެލްގެ މޯބައިލް އެޕް ތައާރަފު ކޮށްފި

19 ޖޫން 2021

އާ ފީޗަތާއެކު ބީއެމްއެލްގެ އާ މޯބައިލް އެޕްލިކޭޝަން މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އާ ފީޗަތާއެކު ބީއެމްއެލްގެ އާ މޯބައިލް އެޕްލިކޭޝަން މިއަދު ތައާރަފުކޮށްފި އެވެ.

މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭއިރު ކުރިން އެ ބޭންކުގެ އެޕްލިކޭޝަން ޑައުންލޯޑު ކޮށްފައިވާ ކަސްޓަމަރުންނަށް އެޕް، އަޕްޑޭޓު ކުރެވޭނެ އެވެ. އާ އެޕްލިކޭޝަނުގައި އިތުރު ފީޗާތައް ހިމަނާފައިވާއިރު އިންޓަފޭސް ވެސް ވަނީ ބަދަލު ކޮށްފަ އެވެ.

ބީއެމްއެލް އާ އެޕްލިކޭޝަނުގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި ކުއިކް ޕޭ ހިމެނެ އެވެ. މިިއީ ވަގުތުން ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ވަގުތުތަކުގައި ކޮންޓެކްޓުންގެ ތެރޭގައި އެއަކުންޓު ސޭވް ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ހިދުމަތެވެ.

މި އެޕް މެދުވެރިކޮށް ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ފަހުން ނަގާލެވޭއިރު ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ވެރިފަރާތް ޔަގީން ކުރެވޭނެ އެވެ. އަދި ޕާސަނަލް އެކައުންޓާއި ޖޮއިންޓު އަދި ވިޔަފާރި އެކައުންޓު ވެސް މި އެޕު މެދުވެރިކޮށް ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން ބޭންކުން ފޯރުކޯށްދޭ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖު ކުރުމުގެ އިތުރުން މައުލޫމާތު އަޕްޑޭޓު ކުރުމާއި ބޭންކަށް މެސެޖު ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން ފަދަ ފީޗާތައް ވެސް އާ އެޕްލިކޭޝަނުގައި ވަނީ ހިމަނައިފަ އެވެ.

ބީއެމްއެލް އާ އެޕްލިޚޭޝަން: ކުއިކް ޕޭގެ ހިދުމަތް ވަނީ އިތުރުކޮށްފައި-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އާ އެޕްލިޚޭޝަން: ކުއިކް ޕޭގެ ހިދުމަތް ވަނީ އިތުރުކޮށްފައި-- ފޮޓޯ: ބީއެމްއެލް

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އެޕަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް، ބީއެމްއެލް އިން ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލުކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުރިމަގުގައި މި އެޕަށް އިތުރު ފީޗާތައް އިތުރު ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލަށް ތައާރަފު ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނޭ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާތައް ތައާރަފު ކުރާނެ." ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ މޯބައިލް ބޭންކިން ތައާރަފު ކުރި ބޭންކެވެ، އެ ބޭންކުން އެންމެ ފުރަތަމަ މި ހުމަތް ފެށީ 2015ގަ އެވެ.

އެ ބޭންކުން ބުނިގޮތުގައި މިހާތަނަށް 90 ޕަސެންޓު ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 73 މިލިއަނަށްވުރެ ގިނަ މުއާމަލާތް ޑިޖިޓަލް ޗެނަލްތަކުން ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.