Roadha Mihaaru
ޔާމީންގެ މަރުގެ މައްސަލަ އދ. އަށް ހުށަހަޅައިފި

ޔާމީންގެ މަރުގެ ތަހުގީގަށް އދ.ގެ އެހީއަށް އެދި، ފަންޑު ހޯދަން ހުޅުވާލައިފި

11 މެއި 2017

ރަހުމުކުޑަ ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއިލާއިން އދ.އަށް ހުށަހަޅައި، އެކަމުގައި ކުރަން ޖެހިދާނެ ހޭދައަށް މާލީ އެހީ ހޯދަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރަހުމުކުޑަ ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއިލާއިން އދ.އަށް ހުށަހަޅައި، އެކަމުގައި ކުރަން ޖެހިދާނެ ހޭދައަށް މާލީ އެހީ ހޯދަން ފަށައިފި އެވެ.

ޔާމީންގެ މަރުގެ މިނިވަން ތަހުގީގެއް ހިންގައި ދިނުމަށް އެދި އދ.ގެ ހަތަރު މަންދޫބަކަށް އާއިލާއިން މިއަދު ވަނީ ހުށަހަޅާފަ އެވެ. އެއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާކުރުމާ ބެހޭ މަންދޫބާއި ދީނީ މިނިވަންކަމާ ބެހޭ މަންދޫބާއި އިންސާނީ ހައްގުތައް ދިފާއުކުރުމާ ގުޅޭ މަންދޫބަށް އާއިލާއިން ހުށަހެޅި "އާދޭހު"ގައި އެދިފައިވަނީ ވީހާވެސް އަވަހަކަށް ޔާމީންގެ މަރުގެ ތަހުގީގެއް ފަށައި ދިނުމަށެވެ.

ބަައިނަލްއަގުވާމީ އެހީތެރިކަން ލިބުނަސް އެކަމަށް އާއިލާ އިން ހޭދަކުރަން ޖެހޭނެތީ 40،000 ޔޫރޯ (670،000ރ) ހޯދަން އަމާޒުކޮށް ފަންޑެއް ވަނީ ހުޅުވާލައިފަ އެވެ. އާއިލާ އިން ބުނާ ގޮތުގައި އިންސާފު ހޯދުމަށާއި ބައިނަލްއަގުވާމީގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލުމާ އެކު މިހާތަނަށް 5،650 ޔޫރޯ ލިބިފައިވެ އެވެ.

ޔާމީންގެ އާއިލާއިން ބުނީ އެ މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ މިފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވާ ގޮތާއި، ޔާމީނަށް ދިން މަރުގެ އިންޒާރުތަކަށް ފިޔަވަޅެއް އަޅާފައި ނުވާތީ، ބައިނަލްއަގްވާމީ އެހީއަށް އެދުނީ ކަމަށް އާއިލާ އިން ބުނެ އެވެ.

މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި ޔާމީންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޔާމީންގެ މަރުގެ ތަހުގީގަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރަން ރާއްޖެއިން ބޭރުގެ ފޮރެންސިކް ލެބޯޓަރީތަކަށް ފޮނުވައިގެން، ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެދި ރާއްޖެ އާއި ސްރީ ލަންކާގައި ވަނީ އެއްވުންތައް ބާއްވައިފަ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން މަރާލާފައި ވަނީ ރޭގަނޑު އޮފީހުގައި އުޅުމަށް ފަހު ގެޔަށް ގޮސް ވަން ވަގުތު، ގޭ ސިޑި ކައިރީގަ އެވެ. އޭނާ މަރާލަން ހަމަލާ ދޭން ގޭތެރެއަށް ދެ މީހަކު ވަންނަ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް މީގެ ކުރިން ފުލުހުން ވަނީ އާންމުކޮށްފަ އެވެ.