Roadha Mihaaru

ޝާހްރުކާއި އާލިއާގެ "ޑިއާ ޒިންދަގީ"ގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ބެލެވޭ

ފަހަކަށް އައިސް ނުކުތް ހިންދީ ފިލްމުތަކަށް ގިނަ މައްސަލަތަކެއް ދިމާވީ އިންޑިއާގައި ފައިސާގެ ނޫޓުތަކަކަށް ގެނައި ބަދަލުން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެފައި ވާތީ، އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ"ގެ ވިޔަފާރި ވަރަށް ރަނގަޅުވާނެކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެފި އެވެ.

"ޑިއާ ޒިންދަގީ" ހިނގާނެ ކަމަށް ބެލެވޭ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

24 ނޮވެމްބަރ 2016

ފަހަކަށް އައިސް ނުކުތް ހިންދީ ފިލްމުތަކަށް ގިނަ މައްސަލަތަކެއް ދިމާވީ އިންޑިއާގައި ފައިސާގެ ނޫޓުތަކަކަށް ގެނައި ބަދަލުން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެފައި ވާތީ، އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ"ގެ ވިޔަފާރި ވަރަށް ރަނގަޅުވާނެކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެފި އެވެ.

ވިޔަފާރި ރަނގަޅުވާނެ އެއް ސަބަބެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނަނީ ޝާހްރުކާއި އާލިއާގެ ޖޯޑަށް ގިނަ ބަޔެއްގެ ތާއީދު ލިބިފައިވުމާއި މި ފިލްމަކީ ޝާހްރުކްގެ ފިލްމަކަށް ވުމެވެ. މިއަހަރު ތެރޭ ނުކުތް ޝާހްރުކްގެ "ފޭން" އަށް ނާކާމިޔާބީއާ ކުރިމަތިވިޔަސް މި ފިލްމަށް އެހެން ނުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިއީ ބޮލީވުޑުން މިހާތަނަށް ފެނިފައި ނުވާ ކަހަލަ ކޮންސެޕްޓަކަށް ވުމީ ވެސް ފިލްމު ބަލާ މީހުންގެ ޝައުގު މި ފިލްމަށް ދަމައިގަނެފައިވާ ސަބަބެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ގޯރީ ޝިންޑޭ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ "އިންގްލިޝް ވިންގްލިޝް" ވަރަށް މޮޅު ކަމަށް ގިނަ ބަޔަކު އެ ފިލްމު ރިލީޒްކުރިއިރުވެސް ބުނެފައިވެ އެވެ. އެހެންވެ ގޯރީ އުފައްދާ ފިލްމެއްގައި ކުރީގެ ފިލްމުގައި ހުރި ކަހަލަ ބަލާހިތްވާ ސިފަތަކެއް ހުންނާނެކަމަށް އުންމީދު ކުރެވެ އެވެ.

ޝްރީދޭވީ "އިންގްލިޝް ވިންގްލިޝް"ގައި ކުޅުނު ކަހަލަ ވަރަށް އާދައިގެ މީހެއްގެ ރޯލުން އާލިއާ ބަޓް މި ފިލްމުން ފެންނާނެ އެވެ. އަދި ފިލްމުގެ ވާހަކަ ވެސް ހަމަ ކުރީގެ ފިލްމުގޮތަށް ވަރަށް އާދައިގެ އެވެ. އެހެންކަމުން ގޯރީ އަށް ކުރީގެ ފިލްމުގައި ދެއްކި ކަހަލަ ޖާދޫއެއް މި ފިލްމުގައި ވެސް ދެއްކިދާނެކަމަށް އުންމީދުކުރާ މީހުން ގިނަ އެވެ.

ޓްރޭޑް އެކްސްޕާޓް އަމުލް ވިކާސް މޯހަން ބުނެފައި ވަނީ ފިލްމުގެ ފެށުން ވަރަށް ރަނގަޅުވާނެކަމަށް ބެލެވޭ ކަމަށެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ އެންމެ 30 ވަރަކަށް މިނިޓު ނަމަވެސް އޭނާ އުޅޭ ފިލްމުތައް ބަލާހިތްވާ މީހުން މި ފިލްމު ބަލާނެކަމަށް މޯހަން ގަބޫލު ކުރެ އެވެ.

މޯހަން ލަފާކުރާ ގޮތުން މި ފިލްމަށް ފުރަތަމަ ދުވަހު 11 ކްރޯޑު (110 މިލިއަން ރުޕީސް)ގެ ވިޔަފާރި ވާނެ އެވެ. އަދި ހަފުތާ ބަންދާއެކު 35 ކްރޯޑު (350 މިލިއަން ރުޕީސް) ލިބޭނެކަމަށް އޭނާ އުންމީދު ކުރެ އެވެ. މި ފިލްމު އުފައްދާފައިވަނީ 60-65 ކްރޯޑު (650-600 މިލިއަން)ގެ ބަޖެޓަކުން ކަމަށް ވާތީ ހަފުތާ ބަންދުގައި 350 މިލިއަން ވަރު ލިބުނަސް ފިލްމު އިސާހިތަކު ހިޓަކަށް ވާނެ ކަމަށް މޯހަން ބުންޏެވެ.

އިންޑިއާގައި 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓު ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލައި އެ ފައިސާ ބަދަލުކުރަންޖެހުމުން ދިމާވި ދަތިތަކުން މިހާރު މަޑުމަޑުން އަރައިގަނެވެމުންދާ ކަމަށް ވެސް މޯހަން ބުންޏެވެ. އަދި ފިލްމުތަކަށް ވެސް މީގެ އެދެވޭ ރަނގަޅު ނަތީޖާ ފެންނަން ފަށައިފިކަމަށް އޭނާ ބުންޏެވެ. މިސާލަކަށް އޭނާ ނެގީ މިދިޔަ ހަފުތާގައި ރިލީޒްކުރި ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާގެ "ފޯސް 2" އެވެ. އެ ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި 18 ކްރޯޑު (180 މިލިއަން)ގެ ވިޔަފާރި ކުރެވިފައިވާ ކަމަށާއި މިއީ މިހާރު ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ މީހުން ފިލްމު ބަލަން ސިނަމާތަކަށް ވަންނަން ފަށައިފިކަމުގެ ހެއްކެއް ކަމަށް މޯހަން ބުންޏެވެ.