Roadha Mihaaru
ލުބްނާން، ސިޔާސީ އިގްތިސާދީ ވަޅުގަނޑެއްގެ ތެރޭގައި

ލުބްނާން، ސިޔާސީ އަދި އިގްތިސާދީ ވަޅުގަނޑެއްގެ ތެރޭގައި

27 ޖޫން 2021

ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އޮންނަތާ ދެ އަހަރުވެފައިވާ ލުބްނާންގެ އިގްތިސާދީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިޔުމުގެ ސަބަބުން، ރައްޔިތުން ކުރާ މުޒާހަރާތައް އިތުރުވެ، ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އޮންނަތާ ދެ އަހަރުވެފައިވާ ލުބްނާންގެ އިގްތިސާދީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިޔުމުގެ ސަބަބުން، ރައްޔިތުން ކުރާ މުޒާހަރާތައް އިތުރުވެ، ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

ޓްރިޕޮލީގައި އިއްޔެ ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި، ސިފައިންނާއި އާންމު ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، ސިފައިންގެ ދެ މީހަކާއި އާންމުންގެ ފަސް މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އޭގެ އިތުރުން، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އިއްޔެ ވަނީ، ތްރިޕޮލީގައި ހުރި މަރުކަޒީ ބޭންކުގެ ގޮތްޕަކާއި ލުބްނާންގެ ދެކުނުގައި ހުރި މަރުކަޒީ ބޭންކުގެ ގޮތްޕެއް ފަޅާލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ބޭންކަށް ހަމަލާ ދިނީ، އިގްތިސާދު ދަށްވުމުގެ ސަބަބުން، ލުބްނާންގެ ފައިސާ ލީރާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، މިހާރު ލުބްނާން ލީރާގެ އަގު ހުރީ، ޑޮލަރަކަށް 17000 ލީރާގެ ރޭޓުގަ އެވެ.

ވެރިރަށް ބައިރޫތާއި އެހެން ސިޓީތަކުގައި ވެސް އިއްޔެ ވަނީ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ބާއްވައިފަ އެވެ. އަދި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރެވޭ މަގުތައް ވެސް، މުޒާހަރާގެ ބައިވެރިން އިއްޔެ ބަންދުކުރި އެވެ.

ލުބްނާނުގެ އިގްތިސާދު ދުވަހުން ދުވަހަށް ދަށަށް ދާއިރު، އެގައުމުގައި ސަރުކާރެއް ގާއިމުނުކުރި ސިޔާސީ ބައިބައިވުންތަކުގެ ތެރޭގައި އޮންނަތާ ވެސް މިހާރު ދެ އަހަރު ވަނީ އެވެ. ލުބްނާންގެ ބޮޑުވަޒީރު ސައުދު ހަރީރީގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، 2019ގެ އޮކްޓޫބަރު މެދުތެރޭގައި އާންމު ރައްޔިތުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، ސައުދު އިސްތިއުފާ ދެއްވީ އެއަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ވެސް، އާ ބޮޑުވަޒީރަކު އައްޔަންކުރެވެންދެން މަގާމުގައި ދެމި ހުންނެވުމަށް ރައީސް މިޝޭލް އައުންގެ އެދިވަޑައިގަތުމުގެ މަތިން، ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި، ޖެނުއަރީ 21، 2020 ގެ ނިޔަލަށް ހުންނެވި އެވެ. އޭގެ ފަހުން އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ހަސަން ދިއާބު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން، އޮގަސްޓް 10، 2020އާ ހަމައަށް އެ މަގާމުގައި ހުންނެވި އެވެ.

ބައިރޫތުގެ ބަނދަރުގައި ހުރި ކެމިކަލް ގުދަން ގޮވުމުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ދިއާބު އިސްތިއުފާ ދެއްވުމަށް ފަހު، އާ ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ، އޮކްޓޫބަރު 22 ވަނަ ދުވަހު އަނެއްކާ ވެސް ސައުދު ހަރީރީއާ މަތިކުރެވުނެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ ތާއީދެ ގާނޫނު ހަދާ މަޖިލީހުން ހޯދިފައެއް ނުވެ އެވެ.