Roadha Mihaaru
ސިންގަޕޫރުން ދެން ބަލާނީ ކޮވިޑަކީ އާންމު ރޯގާއަކަށް

ކޮވިޑަކީ އާންމު ރޯގާއެއްގެ ގޮތުގައި ބަލަން ސިންގަޕޫރުން ނިންމައިފި

28 ޖޫން 2021

ކޮވިޑް-19 އަކީ އާންމު ރޯގާތައް ފަދަ ބައްޔެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްޔާ މެދު އަމަލުކުރަމުން އައި ހާއްސަ އުސޫލުތައް ދޫކޮށްލަން، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެންމެ ކާމިޔާބުކަމާ އެކު އަމަލުކުރި އެއް ގައުމު ކަމަށްވާ ސިންގަޕޫރުން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮވިޑް-19 އަކީ އާންމު ރޯގާތައް ފަދަ ބައްޔެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްޔާ މެދު އަމަލުކުރަމުން އައި ހާއްސަ އުސޫލުތައް ދޫކޮށްލަން، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެންމެ ކާމިޔާބުކަމާ އެކު އަމަލުކުރި އެއް ގައުމު ކަމަށްވާ ސިންގަޕޫރުން ނިންމައިފި އެވެ.

ސިންގަޕޫރުން ނިންމާފައި ވަނީ އެ ގައުމުގެ 5.7 މިލިއަނުގެ އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުންނަށް ވެކްސިން ދެވުމުން މިގޮތަށް އަމަލުކުރަން ފަަށާށެވެ. މި އަމާޒު އޯގަސްޓް މަހު ހާސިލުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑާ ދެކޮޅަށް ސިންގަޕޫރުން އަމަލުކުރާ އާ އުސޫލު ވަރަށް އަވަހަށް އިއުލާނުކުރަން ނިންމާފައި ވާއިރު، ސީނިއާ ވަޒީރުންތަކެއް ވިދާޅުވީ ކޮވިޑްގެ ކޭސްތައް އެއްކޮށް ނައްތާލުމަކީ އަމާޒެއްގެ ގޮތުގައި ދެން ނުބަލާނެ ކަމަށެވެ. އަދި ކަރަންޓީނުވުމާއި ކޮވިޑް ބަލި ޖެހޭ މީހުންގެ ކްލޯޒް ކޮންޓެކްޓުން ހޯދައި އައިސޮލޭޓްކުރުން ވެސް ނިމުމަކަށް ގެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން ގައުމުތަކުން ކޮންމެ ދުވަހަކު އެ ބަލީގެ އާ ކޭސްތަކުގެ އަދަދު އިއުލާނުކުރަމުން ދިޔަ ނަމަވެސް އެކަން ވެސް ހުއްޓާލަން ސިންގަޕޫރުން ވަނީ ނިންމައިފަ އެވެ.

"ހިތާމަވެރި ޚަބަރަކީ ކޮވިޑް-19 ދުވަހަކު ވެސް ފިލައިގެން ނުދާނެކަން. އުފާވެރި ޚަބަރަކީ މި ބައްޔާ އެކީ ވެސް އުޅެވިދާނެކަން،" ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ގޭން ކިމް ޔޮންގް، ފައިނޭސް މިނިސްޓަރު ލޯރެންސް ވޮންގް އަދި ހެލްތު މިނިސްޓަރު އޮންގް ޔެ ކުންގް، ސްޓްރެއިޓް ޓައިމްސްގެ އެޑިޓޯރިއަލްގައި ލިޔުއްވާފައިވެ އެވެ.

އެ ބޭފުޅުން ވިދާޅުވީ ކޮވިޑް ޖައްސާ ވައިރަސް އެކި ގޮތްގޮތަށް މިއުޓޭޓްވަމުން އަހަރެމެންގެ ތެރޭގައި އަބަދަށް ވެސް އުޅޭނެ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލްކުރުމުގެ ހާއްސަ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް ވަޒީފާތަކަށް ދާ މީހުން ކޮވިޑަށް ޓެސްޓްކުރުމުގެ އުސޫލެއް ސިންގަޕޫރުން ގެންގުޅޭނެ އެވެ. މިނިސްޓަރުން ވިދާޅުވި ގޮތުގައި މިއީ "ނިއު ނޯމަލް" ގެ ބައެކެވެ.

އާ އުސޫލަށް އަމަލުކުރަން ފަށާއިރު ފަސޭހައިން ބައްޔަށް ޓެސްޓްކުރެވޭ ކިޓްތައް އެއާޕޯޓްތަކާއި އޮފީސްތަކާއި މޯލްތަކުގައި އަދި އާންމުކޮށް ގިނަ މީހުން ގޮސް އުޅޭ ތަންތަނުން ލިބޭ ގޮތް ހަދާނެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިއުލާނުކުރުމުގެ ބަދަލުގައި އިސްކަން ދޭނީ ބަލީގެ ހާލަތަށް ކަމަށާއި ބަލި ޖެހިގެން ވަރަށް ބޮޑަށް ބަލިވަނީ ކިތަން މީހުންތޯ އާއި އައިސީޔޫ އަށް ލާންޖެހެނީ ކިތަން މީހުންތޯ އާއި ވެންޓިލޭޓަރު ގުޅަން ޖެހެނީ ކިތަން މީހުންނަށްތޯ ބަލާނެ ކަމަށް އާ އުސޫލުގައި ކަނޑައަޅާނެ އެވެ.

"މިއީ މިހާރު އިންފްލުއެންޒާ ވެސް މޮނިޓަކުރަމުން އަންނަ ގޮތް،" ވަޒީރުން ލިޔުއްވާފައިވެ އެވެ.

އެ ބޭފުޅުން ވިދާޅުވީ މިއީ ކޮވިޑުން ސިންގަޕޫރް ސަލާމަތްވެ އިންޓަނޭޝަނަލް ބޮޑެތި އިވެންޓްތައް ބޭއްވެން އޮތް މަގު ކަމަށެވެ.

ސިންގަޕޫރްގައި ކޮވިޑްގެ ފުރަތަމަ ޕީކް އައީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އެއީ ދުވާލަކު 600 ކޭސް އެވެ. އަދި އޭގެ ފަހުން އޯގަސްޓްގައި އަނެއްކާވެސް ކުޑަކޮށް ކޭސްތައް އިތުރުވި އެވެ. އޭގެ ފަހުން ކޭސްތައް އެހާ ބޮޑަށް މައްޗަކަށް ނުދެ އެވެ. އަދި ބަލި ކޮންޓްރޯލްކޮށް ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު 20-30 ގައި ވަނީ ހިފަހައްޓައިފަ އެވެ. ކޮވިޑްގައި މަރުވި ކަމަށް ކަނޑައަޅާފައިވާ އަދަދަކީ 35 އެވެ.