Roadha Mihaaru
ޑރ. އަލީ ލަތީފު: ދިވެހިންނަށް ނަމޫނާއަކީ ސިންގަޕޫރު

ޑރ. އަލީ ލަތީފް: ސިންގަޕޫރު ނަމޫނާއަކަށް ނަގާ! އޭރުން ދިވެހިންނަށް ވެސް ރަނގަޅުވާނެ

09 އެޕްރީލް 2020

ކޮރޯނާވައިރަހުން ރައްކާތެރިވާން ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކުން ރާއްޖެ ނަމޫނާ ނަގައިފި ނަމަ ކަންކަން ދާނީ ރަނގަޅަށް ކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން އަދި ފަޒީނާ އަހުމަދު

ކޮރޯނާވައިރަހުން ރައްކާތެރިވާން ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކުން ރާއްޖެ ނަމޫނާ ނަގައިފި ނަމަ ކަންކަން ދާނީ ރަނގަޅަށް ކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އެކަމަކު ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ އިސް ޓީމު ކަމަށް ވާ ޓެގްގެ ފަރާތުން ޑރ. އަލީ ލަތީފު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސިންގަޕޫރު ގޮތަށް ކަންކަން ކުރަން "ރާއްޖެ ތައްޔާރު ނޫން" ކަމަށެވެ.

ސިންގަޕޫރަކީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން ލޮކްޑައުންކޮށް، އެންމެ ހަރުދަނާ ފިޔަވަޅު އަޅާފައިވާ އެއް ގައުމެވެ. އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ތަބާވުމާއި ކޮރޯނާވައިރަހުން ރައްކާތެރިވާން ސިއްހީ އޮފިޝަލުން ދޭ އިރުޝާދުތަކަށް، އެ ގައުމުގެ ރައްޔިތުން ބަރާބަރަށް ބޯލަނބާ ކިޔަމަންވެ އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ސިއްހީ އޮފިޝަލުން ދޭ ނަސޭހަތާއި އިރުޝާދު އާންމުން ގަބޫލުނުކުރާތީ އަބަދުވެސް ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އާ ގޮތަކަށް ކަންކަން ކުރަން ފެށުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއް މަސައްކަތެވެ.

"ސޯޝަލް ޑިސްޓޭންސިން ވެސް ކޮންމެވެސް އާ ގޮތަކަށް ކުރިއަށް ގެންދަންވީ. ރާއްޖެ ކުޑަކަމުން އެ ކަހަލަ ސޯޝަލް ޑިސްޓެންސެއް ހަދަން ވެސް ދައްޗޭ. ފިހާރަތަކުގައި ވެސް ދައްޗޭ. ބޭންކްތަކުގައި ވެސް ދައްޗޭ. ކިހިނެއްހޭ،" ބައެއް މީހުންގެ ވާހަކަ ހުންނަ ގޮތަށް އިޝާރަތްކުރައްވާ ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"މިސާލަކަަށް ސިންގަޕޫރުގައި އެކަކު ކިއޫގައި ޖެހިއްޖިއްޔާ ވަރަށް ބަރާބަރަށް ކިއޫގައި ޖެހެމުންދާނެ. ކިއު ސިސްޓަމެއް އޮންނާނެ. އެއީ އެ މީހުންގެ ކަލްޗާގައި އޮންނަ ކަމަކަށް ވެފައި އޮތީ. އަޅުގަނޑުމެންގެ ތެރޭގައި އޮތީ ގަދަ މީހާ ގަދަ ގޮތް."

ޑރ. އަލީ ލަތީފް "މިހާރު" އާ ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޑރ. އަލީ ލަތީފް "މިހާރު" އާ ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ބޭންކްތަކާއި ކުންފުނިތަކުން ވެސް ސޯޝަލް ޑިސްޓެންސިންގެ އުސޫލާ ހިލާފުނުވާ ގޮތަކަށް ކަންކަން ރާވަން ޖެހެ އެވެ. ބޭންކްތަކާއި ކުންފުނިތަކަށް ޚިދުމަތް ހޯދަން މީހުން ދާ ގަޑިތަކުގައި ގިނަ ބަޔަކު ތޮއްނުޖެހޭ ގޮތަކަށް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ މިހާރަކު،" ބޭންކްތަކާއި އެކި ކުންފުނިތަކުގައި މީހުން ތޮއްޖެހޭ މައްސަލައިގައި ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިންގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ޑޮކްޓަރު ވިދާޅުވީ ބައެއް ހާލަތްތަކުގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅާ ކަމަށް ހީވިޔަސް އެ ފިޔަވަޅުތަކާ ގުޅެނީ އެތައް ބައެއްގެ ދިރިއުޅުން ސަލާމަތް ކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ޑެންގީ ޖެހިގެން އެންމެ މީހަކު މަރުވިޔަސް ޕަބްލިކް ޕެނިކް ވާ ވަރު. އެހެންވެއްޖެ ނަމަ އެ ކަހަލަ ގައުމެއްގައި ވާ ގޮތަށް މާލޭގައި ވާން ފަށައިފި ނަމަ ކިހިނެއްތޯ ވާނީ؟،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"އެހެންވީމާ ޑިސިޕްލިން ވުމަކީ ވަރަށް މުހިން ކަމެއް. ޕަބްލިކް ޑިސިޕްލިން އާއި ހެލްތު ކެއާ ޕާސަން އާއި ޖުމްލަކޮށް މުޅި ރާއްޖޭގައި ވެސް ޑިސިޕްލިން ދަށް ކަމަށް މިހާރު ފެންނަނީ. އެހެންވީމާ ބައެއް ފަހަރު ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ޗެލެންޖު ކުރުން ކަހަލަ ކަންކަން ވޭ."

ކޮވިޑް-19 އާ ގުޅޭ މަޝްވަރާއެއް، ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި އެޗްޑީސީގެ އެމްޑީ ސުހައިލް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅޭ މަޝްވަރާއެއް، ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި އެޗްޑީސީގެ އެމްޑީ ސުހައިލް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވޭ ކަމަށެވެ. އެކަމަކު މާދަމާ ވެސް ހާލަތު ގޯސްވެއްޖެ ނަމަ "ވަކި ސިސްޓަމެއް" ގާއިމް ކުރުމާއި ފަރުވާ ދޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެފަދަ ކަންކަމުގެ އެންމެ މުހިންމު ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ތިން ގަޑިއިރަށް ކާފިއު ވަގުތު ފެށުމުގެ ކުރިންނާއި ރޭގަނޑު 8 ޖަހާއިރަށް ކާފިއު ނިމުމާ އެކު، މަގުމައްޗަށް އެތައް ބަޔަކު އެއްފަހަރާ ނުކުންނަ މައްސަލައިގައި ސިއްހީ ދާއިރާގެ އޮފިޝަލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް ޑިސްޓެންސިން އަށް ސަމާލުވާން އެންގިޔަސް އެ ކަމަށް ތަބާނުވާ މީހުން ވެސް ގިނަ އެވެ.