Roadha Mihaaru
"ޖަމާއަތުގައި ނަމާދުކުރަން ދެ ދުވަސްތެރޭ ފެށޭވަރުވާނެ"

ޖަމާއަތުގައި ނަމާދުކުރަން ދެ ދުވަސްތެރޭ ފެށޭވަރުވާނެ: މިނިސްޓްރީ

29 ޖޫން 2021

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެ އާއި މޮނިޓަރިންގައިވާ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މީގެ ކުރިންވެސް ކޮވިޑުގެ ސަބަބުން ހާލަތު ގޯސްވެގެން މިދިޔަ އަހަރުގެ މާޗު 18 ގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަކި ހާއްސަ ގައިޑްލައިންތަކަކާ އެކު ޖަމާއަތުގައި ނަމާދުކުރަން ވަނީ ހުއްދަ ދީފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމާ މެދު ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިގޮތުން މިހާރު މަސައްކަތްކުރަމުން އަންނަނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭ ޖަމާއަތުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށާއި، އަންނަ ހުކުރު ދުވަހުގެ ކުރިން ޖަމާއަތުގައި ނަމާދު ކުރަން ފެށޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭއިރު އަމަލު ކުރާނީ އެޗްޕީއޭ އިން އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ އުސޫލުތަކާއި އެއްގޮތަށެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ އަންނަ ހުކުރުގެ ކުރިން [މާލޭގެ މިސްކިތްތަކުގެ] ޖަމާއަތުގައި ނަމާދުކުރަން ފެށޭތޯ. ޖަމާއަތުގައި ނަމާދު ކުރާއިރު ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ވެސް ގައިދުރުކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ޖަމާއަތުގައި ނަމާދުކުރަން އެދޭ ނަމަ، މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް ވަރަށް އިތުރުވެފައި އޮތުމަށްފަހު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.