Roadha Mihaaru
އިންވެސްޓްމަންޓުގެ ހިމާޔަތަށް އިންޑިއާ އިން އެދިއްޖެ

އިންވެސްޓްމަންޓް ހިމާޔަތްކުރެވޭނެ މުއާހަދާއެއް ރާއްޖެއާ އެކު ހަދަން އިންޑިއާގެ ވިޔަފާރިވެރިން ހުށަހަޅައިފި

24 ނޮވެމްބަރ 2016

އިންވެސްޓްމަންޓް ހިމާޔަތް ކުރެވޭނެ މުއާހަދާއެއް ރާއްޖެއާ އެކު އެކުލަވާލަން އިންޑިއާގެ ވިޔަފާރިވެރިން ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިންވެސްޓްމަންޓް ހިމާޔަތް ކުރެވޭނެ މުއާހަދާއެއް ރާއްޖެއާ އެކު އެކުލަވާލަން އިންޑިއާގެ ވިޔަފާރިވެރިން ހުށަހަޅައިފި އެވެ.

ވިޔަފާރި ޚަބަރުތައް ގެނެސްދޭ އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ މިންޓުން އިއްޔެ ބުނި ގޮތުގައި އިންޑިއާގެ ވިޔަފާރިވެރިން އެ ގޮތަށް ގޮވާލީ އެ ގައުމުގައި މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމާ ގުޅުވައިގެންނެވެ. އެ ގޮތުން، ދެ ގައުމުގެ ދެމެދު ހަދާ އެ އެއްބަސްވުމުގެ ދަށުން އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމްކުރުމުގެ އިތުރުން، އެ އިންވެސްޓްމަންޓުތަކަށް ރައްކާތެރިކަމާއި ހިމާޔަތް ލިބެން އިންޑިއާގެ ވިޔަފާރިވެރިން އެދިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

"މިފަދަ މުއާހަދާއެއްގެ ސަބަބުން، ދެ ގައުމުގެ ވިޔަފާރިވެރިންނަށް ވެސް ޔަގީންކަން ލިބި، އިންވެސްޓް ކުރަން އިތުރު ބާރެއް ލިބޭނެ،" އިންވެސްޓްމަންޓް ފޯރަމް އިންތިޒާމު ކުރަން ދިވެހި ސަރުކާރާ އެކު ބައިވެރިވި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)ގެ ކުރީގެ ރައީސް ވިކްރަމްޖީތު ސިންހު ސަހްނޭ، މިންޓް ނޫހަށް ވިދާޅުވެފައިވެ އެވެ.

މިފަދަ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހާ އެކު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ވެސް މަޝްވަރާކުރެއްވި އެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ބަލަން ދެ ގައުމުން ވަނީ އޭރު އެއްބަސް ވެސް ވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އެކި ވިޔަފާރިތައް ކުރަން ފެށި އިންޑިއާގެ ކުންފުނިތަކާއި އޭގެ ފަހުން އައި ސަރުކާރުތަކާ ދެމެދު މައްސަލަ ޖެހި، އެކި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެ ގޮތުން، ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން ވަނީ ދައްކައިފަ އެވެ. އަދި ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރަން ހަވާލުކުރި ޓަޓުވާ ކުންފުނި ވެސް އަނބުރާ ފޮނުވާލާފައި ވާއިރު، މާލޭގައި ފްލެޓު އަޅަން ހަވާލުކުރި ޓާޓާ ކުންފުނިން މަސައްކަތް ނިންމީ ވެސް އެތައް ފަހަރަކު އެކި މައްސަލަތައް ޖެހުމަށް ފަހު އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަބަދުވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ، އެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓުތަކުގެ ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އިންޑިއާގެ ވިޔަފާރިވެރިންގެ މެދުގައި ރާއްޖެ އަށް އޮތް އިތުބާރު އެނގިފައިވާ ކަމަށް، ފޯރަމަށް ފަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.