Roadha Mihaaru
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ

ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ

17 ސެޕްޓެމްބަރ 2021

ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ރާއްޖެ ސަލާމަތްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ރާއްޖެ ސަލާމަތްވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރިވިއު އިން އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުން ރާއްޖެ ވަނީ އެމްބާ ލިސްޓަށް ބަދަލުކޮށްފަ އެވެ.

އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު މިންގަނޑެކެވެ. އެއީ ގްރީން ލިސްޓް، އެމްބާ ލިސްޓް، އެމްބާ ޕްލަސް ލިސްޓް އަދި ރެޑް ލިސްޓެވެ. އެންބާ ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީނުވެވޭނެ އެވެ. އަދި އެ ގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ވެސް ހަދާކަށް ނުޖެހޭނެ އެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އިނގިރޭސި ވިލާތަށް ވަދެވޭނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންނަށާއި އިނގިރޭސި ވިލާތުގެ ޕާސްޕޯޓް އޮންނަ މީހުންނަށެވެ. އޭރުން ރާއްޖެއިން އެ ގައުމަށް އެއްވެސް މީހަކަށް ދަތުރެއް ނުކުރެވޭނެ އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެފައި އޮއްވައި މިދިޔަ ރިވިއުއިން ވެސް އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނުނެގުމުން، އެ ގައުމަށް ކަނޑައަޅާފައި ހުރި ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވާ ކަމަށެވެ.

ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެވްރެޖުކޮށް 2،500 ޓޫރިސްޓުން އިނގިރޭސި ވިލާތުން އަ އެވެ. މިއީ ކޮވިޑްގެ މިހާލަތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު ވަރަށް ބޮޑު އަދަދެކެވެ. މެއި މަހު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އެ ގައުމުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރި އެވެ. އެއާ އެކު އެ ގައުމުން ޓޫރިސްޓުން އަންނަ ވަރު މިދިޔަ ޖޫން މަހު 500 އަށް ތިރިވި އެވެ.