Roadha Mihaaru
އިނގިރޭސި ވިލާތުން ކޮވިޑްގެ އާ ބާވަތެއް ފެނިއްޖެ

އިނގިރޭސި ވިލާތުން ކޮވިޑްގެ މުޅިން އާ ބާވަތެއް ފެނިއްޖެ

25 ޖުލައި 2021

ކޮވިޑް-19 ޖައްސާ ވައިރަހުގެ މުޅިން އާ ބާވަތެއްގެ ވައިރަހެއް، އިނގިރޭސި ވިލާތުން ފެނިގެން، އެ ވައިރަހުގެ ހަގީގަތް ދެނެގަތުމުގެ ގޮތުން ލެބޯޓެރީތަކުގައި ތަހުލީލުތައް ކުރަން ފަށައިފި އެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ މުޅިން އާ ބާވަތެއްގެ ވައިރަހެއް، އިނގިރޭސި ވިލާތުން ފެނިގެން، އެ ވައިރަހުގެ ހަގީގަތް ދެނެގަތުމުގެ ގޮތުން ލެބޯޓެރީތަކުގައި ތަހުލީލުތައް ކުރަން ފަށައިފި އެވެ.

ޕަބްލިކް ހެލްތު އިންގްލޭންޑް (ޕީއެޗްއީ) އިން ބުނި ގޮތުގައި ކޮވިޑް ޖައްސާ އާ ބާވަތެއްގެ ވައިރަސް އެ ގައުމުން ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބާވަތުގެ ކޮވިޑް ވައިރަސް ފެނުނު ގިނަ މީހުންނަކީ، ބޭރު ގައުމުތަކުން ދަތުރުކޮށްފައި އިނގިރޭސި ވިލާތަށް އައި މީހުން ކަމަށާއި، އިނގިރޭސި ވިލާތުގެ ތެރޭގައި އެ ބާވަތުގެ ވައިރަސް ފެތުރެމުން ދާ ކަމުގެ އެއްވެސް ހެއްކެއް އަދި ނުލިބޭ ކަމަށް ވެސް އިދާރާ އިން ބުނެ އެވެ.

ޔޫރަޕިއަން ސެންޓާ ފޯ ޑިސީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ބުނި ގޮތުގައި، އިނގިރޭސި ވިލާތުން މިހާރު ފެނިގެން އުޅޭ އާ ބާވަތުގެ ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮލަމްބިއާ އިންނެވެ.

މި އާ ބާވަތުގެ ވައިރަހާ ބެހޭ ގޮތުން، ފަރަންސޭސި ވިލާތުގެ ސައެންޓިފިކް ކައުންސިލްގެ ރައީސް އަދި ވައިރަސްތަކާ ބެހޭ ތަޖުރިބާކާރު ޕްރޮފެސަރު ޖޭން-ފްރެންކޮއި ޑެލްފްރައިސޭ ވިދާޅުވީ މި އާ ބާވަތުގެ ވައިރަހުގެ ނުރައްކާތެރިކަން ބޮޑަށް ފާޅުވާން ފަށާނީ، އަންނަ ފިނި މޫސުމުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ފެތުރެމުންދާ ގޮތަށާއި، ކޮވިޑުން ދިފާއުވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޖަހަމުންދާ ނިސްބަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ކުރިން، ކޮވިޑްގެ ކުރިން އޮތް އާންމު ހާލަތަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ޖައްސާ ޑެލްޓާ ބާވަތުގެ ވައިރަހުގެ ސަބަބުން، ފަރަންސޭސި ވިލާތުގައި ކޮވިޑްގެ ހަތަރު ވަނަ ރާޅެއް މިހާރު ފެތުރެމުން ދާއިރު، އިއްޔެ ފާސްކުރި ސިއްހަތާ ބެހޭ އާ ގާނޫނުގެ އެހީގައި، ކޮވިޑް ވެކްސިން ޖެހުން އަވަސްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގާނޫނު ބުނާ ގޮތުން، މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުވާނެ އެވެ.

"ކުރިއަށް އޮތް ފިނި މޫސުމުގައި، ކޮވިޑް ވައިރަހުގެ މުޅިން އާ ބާވަތެއް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. ކުރިއަށް އޮތް އަހަރުތަކުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، މުޅިން ދެ ފަންތިއެއްގެ ޤައުމުތަކާ އެކުގައި އުޅޭނެ ގޮތެއް. އެއީ ވެކްސިން ޖަހާފައިވާ ގައުމުތަކާއި ވެކްސިން ނުޖަހާ ގައުމުތައް،" ތަޖުރިބާކާރު ޕްރޮފެސަރު ޖޭން-ފްރެންކޮއި ޑެލްފްރައިސޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ފިނި މޫސުމުގައި ކޮވިޑްގެ އާ ވައިރަހެއް ފެނުނު ކަމުގައި ވިޔަސް، އެއީ މިހާރު އުފެދިފައި ހުރި ބާވަތްތަކުގެ ވައިރަސްތަކަށް ވުރެ ނުރައްކާތެރި ވައިރަހަކަށް ވާނެ ކަމަށް ނުބެލެވެ އެވެ. އަދި، ބަދަލުވުމުގެ ގާބިލުކަން، ކޮވިޑް ވައިރަހަށް ވެސް، ލިބިގެންވަނީ ވަކި މިންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.