Roadha Mihaaru
ކުދި ވިޔަފާރިތަކަށް ބީސީސީން "ވޯކް ސްޕޭސް" ދެނީ

ފްރީލާންސަރުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް ހާއްސަ ވޯކް ސްޕޭސްއެއް ހުޅުވަނީ

07 ޖުލައި 2021

ފްރީލާންސްކޮށް މަަސައްކަތްކުރާ މީހުންނާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް ހާއްސަ ކޯ-ވޯކް ސްޕޭސްއެއް މާދަމާ ހުޅުވަން ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފްރީލާންސްކޮށް މަަސައްކަތްކުރާ މީހުންނާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް ހާއްސަ ކޯ-ވޯކް ސްޕޭސްއެއް މާދަމާ ހުޅުވަން ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.

"ސީޑް ބައި ބީސީސީ"ގެ ނަމުގައި ހުޅުވާ މި ވޯކް ސްޕޭސް ހުންނާނީ އޯކިޑު މަގުގައި ހުންނަ ބީސީސީގެ "އޯތެންޓިކް މޯލްޑިވްސް" ފިހާރަ ހުންނަ އިމާރާތުގަ އެވެ. މިއީ ޔޫއެންޑީޕީގެ އެހީއާ އެކު ހަދާފައިވާ ތަނެކެވެ.

ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރު ސާމިހު އާދަމް ވިދާޅުވީ މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން 2023 ވަނަ އަހަރު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މަސައްކަތް އަވަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީސީސީން ވަނީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމާ ގުޅޭ ސާވޭއެއް ވެސް ހަދައިފަ އެވެ. މި ސާވޭ އިން ގިނަ ބަޔަކު މިފަދަ ވޯކްސްޕޭސް އެއް ބޭނުންވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ.

"ކޮވިޑާ ގުޅިގެންނާއި ޔޫއެންޑީޕީގެ އެހީ ލިބުމާއެކު މަސައްކަތް އަވަސް ކޮށްލީ. އަޅުގަނޑުމެން ސާވޭއެއް ހެދި އިރު ވަރަށް ގިނަ މީހުން އެކަމަށް ބޭނުންވެފައިވާ ކަން ފާހަގަ ކުރެވުނު. މި ސްޕޭސް ހުޅުވުމަށް ވަރަށް ގިނަ މީހުންގެ ހިޔާލު ވެސް ލިބުނު،" ސާމިހު ވިދާޅުވި އެވެ.

ސީޑް ވޯކް ސްޕޭސްގެ އެތެރެ ފެންނަ ވީޑިއޯއަކާއެކު ބީސީސީން ކުރި ޓްވީޓެއް--

އޭނާ ވިދާޅުވީ މި ވޯކް ސްޕޭސްގެ ސަބަބުން އަލަށް ވިޔަފާރި ފަށާ މީހުންނަށާއި ފްރީލާންސަރުންނަށް މަސައްކަތް ކުރުމުގައި ލުއިތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ކުރިން މަސައްކަތްކުރަން އޮފީސް ސްޕޭސްއެއް ކުއްޔަށް ނަގާނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭއިރު މިތަނުގެ ސަބަބުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް ވިޔަފާރި ފަށާއިރު ކުއްޔަށް ތަނެއް ނަގައިން އުޅޭނަމަ އެ ދަނީ ބޮޑު ހަރަދެއް. އެކަމަކު މި ވޯކް ސްޕޭސްގައި މަސައްކަތްކުރާ ނަމަ އެހާ ބޮޑު ހަރަދެއް ނުދާނެ. މިތަނުގެ ރޭޓުތައް ހުންނާނީ ވަރަށް އަގުހެޔޮކޮށް. އެ ރޭޓުތައް ވެސް މާދަމާ އަޅުގަނޑުމެން އިއުލާން ކުރާނަން،" ސާމިހު ވިދާޅުވި އެވެ.

ބީސީސީގެ މި ވޯކް ސްޕޭސްގައި ޕްރިންޓިން އާއި ސްކޭނިން އާއި ފޮޓޯ ކޮޕީގެ ހިދުމަތުގެ އިތުރުން ވައިފައި ވެސް ހުންނާނެ އެވެ. އަދި ވިޔަފާރި ބައްދަލުވުންތައް ބާއްވަން މީޓިން ރޫމެއް ވަނީ ހަދައިފަ އެވެ.

ސާމިހު ވިދާޅުވީ ވޯކް ސްޕޭސް ޑިޒައިން ކޮށްފައިވާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށެވެ. އަދި ފަސޭހައިން މަސައްކަތްކުރެވޭ ފަދަ މާހައުލެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މީގެ ތަންތަން ހަދާނެ ކަމަށެވެ.

މިތަނުގައި މަސައްކަތްކުރަން ބޭނުންވާ މީހުން ޖެހޭނީ ކުރިން ބުކިން ހައްދާށެވެ. ބީސީސީއަށް މެއިލް ކޮށްގެން ބުކިން ހެއްދޭނެ އެވެ.