Roadha Mihaaru
އެންމެ އުސް އަސް 20 އަހަރުގައި މަރުވެއްޖެ

އެންމެ އުސް އަސް 20 އަހަރުގައި މަރުވެއްޖެ

08 ޖުލައި 2021

ދުނިޔޭގެ އެންމެ އުސް އަހުގެ ރެކޯޑް އޮތް، އެމެރިކާގެ "ބިގް ޖޭކް" އުމުރުން 20 އަހަރުގައި މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ އުސް އަހުގެ ރެކޯޑް އޮތް، އެމެރިކާގެ "ބިގް ޖޭކް" އުމުރުން 20 އަހަރުގައި މަރުވެއްޖެ އެވެ.

އެ އަހަށް އެންމެ އުސް އަހުގެ ރެކޯޑް ލިބުނީ ޖެނުއަރީ 19، 2010 ގަ އެވެ. އޭގެ އުސްމިނަކީ 210.19 ސެންޓިމީޓަރެވެ.

ޖޫން މަހުގެ 28 ވަނަ ދުވަހު "ބިގް ޖޭކް" މަރުވި ވާހަކަ ގިނިސް ވޯލްޑް ރެކޯޑުން ވެސް ފާހަގަކޮށްފައިވެ އެވެ. އެތަނުން ބުނީ އެ އަސް ވަކިވެގެން ދިޔަ ވާހަކަ އަކީ ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށެވެ.

"ބިގް ޖޭކް" އުޅެމުން ދިޔައި އޭގެ ވެރިމީހާ ޖެރީ ޖިލްބަޓާއި އޭނާގެ އާއިލާއާ އެކު އެމެރިކާގެ ވިސްކޮންސިންގެ ސްމޯކީ ހޮލޯ ފާމްގަ އެވެ. އެތަނުގެ ފޭސްބުކް ޕޭޖްގައި އަސް މަރުވި ވާހަކަ ހިއްސާކޮށް ބުނެފައި ވަނީ އޭގެ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

ޖެރީ ބުނެފައިވާ ގޮތުގައި ބިގް ޖޭކްގެ ސަބަބުން ސްމޯކީ ހޮލޯ ފާމަށް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ. ސަބަބަކީ އެ އަސް ބަލައިލަން ގިނަ ބަޔަކު އެތަނަށް ޒިޔާރަތްކުރުމެވެ. އަދި ބިޖް ޖޭކް އަކީ އަބަދު ވެސް މީހުންނާ ވަރަށް އެކުވެރި އަހެއް ކަމަށް ބުނެފައިވެ އެވެ.

"ބިގް ޖޭކްއާ އާ އެކު އަހަރެމެންގެ އާއިލާގެ އެތައް ހަނދާންތަކެއް އެބަހުރި،" ޖެރީ ބުންޏެވެ.