Roadha Mihaaru
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި

ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި

07 ޖުލައި 2021

ރަސްމީ ގެކޮޅެއް ތައްޔާރުވަންދެން، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅެއް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަސްމީ ގެކޮޅެއް ތައްޔާރުވަންދެން، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅެއް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖައްސާނެ ތަންތަން މިހާރު ކަނޑައަޅާފައި ކަމަށެވެ. އެކަމަކު އެ ތަންތަން މަރާމާތު ކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ތަންތަނެއް ކަމަށް ވިދާޅެއް ނުވެ އެވެ.

ވަގުތީ ގޮތުން ހަމަޖެއްސެވި ތަންތަނުގެ ތަފުސީލެއް ވެސް އަދި ނުދެއްވަ އެވެ.

"ވަގުތީ ގެކޮޅުތައް މިހާރު ވަނީ ހަމަޖައްސައިފައި. އެ ތަންތަން ރިނޮވޭޓްކޮށް، ރިފާބިޝްމަންޓްގެ އެންމެފަހުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ.

ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިތާ މިއަދަށް ވަނީ ހަފުތާއެއް ވެފަ އެވެ.

މި ގާނޫނު ތަސްދީގުކުރެއްވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ދައުލަތުގެ މައްޗަށް ލާޒިމުވި އެވެ.

އެ ދެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ގެކޮޅެއް ހަމަޖައްސައިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.

ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް މި ގާނޫނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހޯދަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި އާއިލާ ތިއްބަވާ ގެކޮޅަށް މުވައްޒަފުން ހޯދައިދިނުމުގެ ކަންކަން ނިންމަން ޖެހެނީ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުންނެވެ.

ދައުލަތުގެ ދެ ބާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ނިންމީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެންނެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވަނީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ.

އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގަ އެވެ.

ރައީސާއި ނައިބު ރައީސަށް ދައުލަތުން އަބަދު ވެސް ރަސްމީ ގެކޮޅަކާއި މުވައްޒަފުން ހަމަޖައްސައިދެ އެވެ. މިހާރުގެ ރައީސާއި އާއިލާ މުލީއާ ގޭގައި ދިރިއުޅުއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.