Roadha Mihaaru
އީރާނުގެ ނިއުކްލިއާ ނިންމުމާ މެދު ހުޅަނގު ނުރުހިފައި

އީރާނުން ޔޫރޭނިއަމް މައުދަން އުފައްދާތީ ހުޅަނގު ރުޅިގަދަވެއްޖެ

07 ޖުލައި 2021

މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް މައުދަން އުފައްދަން، އީރާނުން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރުޅިގަދަވެއްޖެ އެވެ.

މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް މައުދަން އުފައްދަން، އީރާނުން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރުޅިގަދަވެއްޖެ އެވެ.

ވިހި ޕަސެންޓަށް ސާފުކޮށްފައިވާ ޔޫރޭނިއަމް މައުދަން އުފައްދަން ނިންމިކަން އީރާނުން އިއުލާން ކުރީ އިއްޔެ އެވެ. އީރާންގެ މި ނިންމުން ކުށްވެރި ކުރި ނަމަވެސް، އެމެރިކާ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާ އަލުން ދިރުވުމަށް ކުރަމުން އަންނަ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ އެވެ.

ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން އިއްޔެ ބުނި ގޮތުގައި، 20 ޕަސެންޓަށް ޔޫރޭނިއަމް މުއްސަނދިކުރުމަށް އީރާނުން މިހާރު ވަނީ ނިންމައިފަ އެވެ. އީރާންގެ މި ނިންމުމަކީ، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ބޭނުންކުރެވިދާނެ މާއްދާތައް ތަރައްގީކުރުމާ ގާތަށް އެޅި ފިޔަވަޅެކެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މުއާހަދާގެ ދަށުން ނުކުރަން ނިންމާފައިވާ ކަންކަން ކުރަން އީރާނުން މަސައްކަތް ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވަކިން ހާއްސަ ގޮތެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ދިރާސާތަކާ ގުޅުން ހުރި ތަޖުރިބާތައް ކުރުމަކީ، ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާ ވަނީ އީރާނާއެކު ސޮއިކުރި ނިއުކްލިއާ މުއާހަދާ އިން 2018 ވަނަ އަހަރު ވަކިވެ، އީރާނަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެމެރިކާގެ އެ ނިންމުމާ ވިދިގެން، އީރާނުން އަންނަނީ ނިއުކްލިއާ މުއާހަދާ އިން މަނާކުރާ ބައެއް ކަންތައް ކުރަމުންނެވެ. އޭގެ ބޭނުމަކީ، އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުމަށް، އެ މުއާހަދާގެ އެހެން ބައިވެރިންގެ ފަރާތުން ބަދަލު ހޯދުމަށް ފިއްތުންތައް ކުރިމަތިކުރުމެވެ.

އީރާންގެ ނިންމުމާ ދެކޮޅަށް ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތް އަދި އިނގިރޭސި ވިލާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، އީރާންގެ އެ އަމަލަކީ، ވިއެނާގައި މިހާރު ކުރިއަށް ދާ ނިއުކްލިއާ ވާހަކަތަކުގެ ނަތީޖާއަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔޫރޭނިއަމް މުއްސަނދިކުރަންޖެހޭ ވަރުގެ މަދަނީ އެއްވެސް ބޭނުމެއް އީރާނަށް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ނިއުކްލިއާ މުއާހަދާއާ ހިލާފަށް ކުރާ ހުރިހާ ކަމެއް، އެއްވެސް ފަސް ކުރުމެއް ނެތި ވަގުތުން ހުއްޓައިލުމަށް، އަހަރެމެން އީރާނަށް ގޮވައިލަން. އަދި ނިއުކްލިއާ މުއާހަދާ އަށް ފުރިހަމައަށް އަމަލުކުރަން އަލުން ފެށުމާ ގުޅޭ ގޮތުން ވިއެނާގައި ބާއްވާ ވާހަކަތަކަށް އެނބުރި އައުމަށް ވެސް އީރާނަށް ގޮވައިލަން،" ތިން ގައުމުން ނެރުނު ބަޔާނުގައިވެ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުގެ އިތުރުން ރަޝިޔާ އާއި ޗައިނާ ވެސް ހިމެނޭ ގޮތަށް، އީރާނާ އެކު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާގެ މުއާހަދާގެ ހަމައެކަނި މަގްސަދަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އީރާނަށް ލިބުނަ ނުދިނުމެވެ.