Roadha Mihaaru
އޮޑިޓާ ޖެނެރަލަކަށް ނިޔާޒީ އައްޔަން ކުރަން ރުހުން ދީފި

އޮޑިޓާ ޖެނެރަލަކަށް ނިޔާޒީ އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

08 ޖުލައި 2021

އެސިސްޓެންޑް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެސިސްޓެންޑް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުުޅުންގެ ތެރެއިން މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ނިޔާޒީގެ ނަން އެކަންޏެވެ.

އޭނާ އަށް ރުހުން ދިނުމަށްޓަކައި ދިރާސާކޮށް އިންޓަވިއު ކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން އެކުލަވައިިލި ރިޕޯޓް މަޖިލީހަށް ހުށަހަޅައި އޭނާ އަށް ރުހުން ދޭން ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އޮޑިޓާ ޖެނެރަލަކަށް ނިޔާޒީގެ ހުރިހާ ޝަރުތެއް ހަމަވޭތޯ މަޖިލީހުގެ ސެކްރެޓޭރިއަޓުން ބެލި އިރު އެ ކަންކަން ވެސް ހަމަވާ ކަމަށެވެ. ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށް ފަހު ރުހުން ދޭން ފާސްކުރީ ކޮމިޓީގެ 12 މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާ ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.

އޮޑިޓް އޮފީހުގައި 15 އަހަރު ދުވަހަށް ވުރެ ދިގުު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ވެސް ޗެއާ އެވެ. އެ ކޮމިޓީގެ މެންޑޭޓަކީ ޕްރައިވެޓް ސެކްޓާ އޮޑިޓިންގެ ކަންތައްތައް ރެގިއުލޭޓް ކުރުމެވެ. އޭނާއަކީ ޗާޓާޑް މެނޭޖްމެންޓް އެކައުންޓެންޓެކެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ.