Roadha Mihaaru
އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރު އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް

27 އޮކްޓޯބަރ 2022

އަންނަ އަހަރަށް އޮޑިޓަ ޖެނެރަލްގެ އޮފީހަށް 93 މިލިއަން ރުފިޔާގެ ބެޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަންނަ އަހަރަށް އޮޑިޓަ ޖެނެރަލްގެ އޮފީހަށް 93 މިލިއަން ރުފިޔާގެ ބެޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިއްޔެގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން ހުށަހެޅި އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކޮށްފައި ވަނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި 77 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް އޮޑިޓު އޮފީހުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި 95 މިލިއަން ރުފިޔާ ހިމެނެ އެވެ. ނަމަވެސް، މާލިއްޔަތު ކޮމިޓީން ވަނީ އެ ބަޖެޓުގެ ބައެއް ބައިތަކަށް ބަދަލުގެނެސް، 1.7 މިލިއަން ރުފިޔާ އުނިކުރަން ނިންމައިފަ އެވެ.

އޮޑިޓު އޮފީހުން ހުށަހެޅި ބަޖެޓުން އެންމެ ބޮޑަށް އުނިކުރި ބައިތަކުގެ ތެރޭގައި މުވައްޒަފުން ތަމްރީނުކުރުމުގެ ހަރަދާއި، އޮފީސް ހިންގަން ކުރާ ހަރަދުގެ އިތުރުން ދަތުރު ފަތުރުގެ ހަރަދުތައް ހިމެނެ އެވެ.

މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ވާގޮތުން، އަންނަ އަހަރު އޮޑިޓު އޮފީހުގެ ރިކަރެންޓު އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 61 މިލިއަން ރުފިޔާ އަދި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުގައި 32 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ރިކަރެންޓު ހަރަދާއި ކެޕިޓަލް ހަރަދުގެ ގޮތުގައި، އެ އޮފީހުން ހުށަހެޅި ބަޖެޓުގައި ހިމެނެނީ 62.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން އޮޑިޓް އޮފީހަށް ދީފައިވާ ބޭސްލައިން ސީލިންގް ނުވަތަ އެންމެ މަތިން ހަރަދުކުރެވޭނެ އަދަދަކީ 57.5 މިލިއަން ރުފިޔާ ކަމަށް ވާތީ، އެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކޮމިޓީން ނިންމީ 61 މިލިއަން ރުފިޔާ އަށް ކުޑަކުރާށެވެ.

މާލިއްޔަތު ކޮމިޓީން ނިންމި އަދަދު ކަނޑައެޅުމުގައި ފިނޭންސް މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަމަށް އެ ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހަޅާފައި ވަނީ އެ އޮފީހުގެ އާ އިމާރާތް އެޅުމަށް އެ ވަރު ހަރަދު ވާނެތީ ކަމަށް އަންދާޒާކޮށްފަ އެވެ.

މި އަހަރަށް އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައި ވަނީ 90 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ކެޕިޓަލް އަދި ރިކަރެންޓު ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 60 މިލިއަން ރުފިޔާގެ ތެރެއިން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮޑިޓު އޮފީހުން ހަރަދުކޮށްފައި ވަނީ 36.5 މިލިއަން ރުފިޔާ ކަން މާލިއްޔަތު ކޮމިޓީން ފާހަގަކުރި އެވެ.

މި އަހަރު ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އޮފީހުން ވަނީ 20 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.