Roadha Mihaaru
ނަޝީދުގެ ފަރުވާއަށް އެދުނު ވަރަށް ހަރަދު ދިނިން:އަމީރު

ނަޝީދުގެ ފަރުވާ އަށް އެދުނު ވަރަށް ހަރަދު ދީފައި ވާނެ: އަމީރު

09 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެދިވަޑައިގެންނެވި ވަރަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެދިވަޑައިގެންނެވި ވަރަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު މިދިޔަ ބުދަ ދުވަހު ވިދާޅުވީ، ނަޝީދުގެ ފަރުވާ އަށް ވެސް ސަރުކާރުން ހަރަދު ކުރަނީ ކުރީގެ ރައީސުންގެ ބޭސް ފަރުވާ އަށް ހަރަދު ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން، އެ މަނިކުފާނުގެ ފަރުވާ އަށް ވެސް ބަޖެޓެއް ހަދައި އެ ހަރަދުތައް ދީފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ ފަރުވާ އަށް ސަރުކާރުން ހަރަދު ކުރި އަދަދެއް މާލީ ވަޒީރު ވިދާޅެއް ނުވެ އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ބޮޑެތި ޒަހަމްތަކަށް މިހާތަނަށް ނަޝީދު ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނުންނެވެ. ޖަރުމަނުގައި ހޯއްދެވި ފަރުވާގެ ބޮޑުބައި ހަރަދު ކުރީ އެ ގައުމުގެ ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިފެން އެ މަނިކުފާނު ފަރުވާ ހޯއްދަވަނީ އިނގިރޭސި ވިލާތުންނެވެ.

"ފޯމާ ޕްރެސިޑެންޓްސް (ކުރީގެ ރައީސުންނަށް) އަށް ބޭސް ފަރުވާ އަށް ހަރަދު ކުރަނީ ވަކި ގާނޫނެއްގެ ދަށުން. އެހެން ފޯމާ ޕްރެސިޑެންޓުންނަށް ވެސް އަޅުގަނޑުމެން މި ދަނީ ބަރާބަރަށް ބޭސް ފަރުވާ އަށް ހަރަދު ހަމަޖައްސަމުން. މި ދަނޑިވަޅު ރައީސް ނަޝީދުގެ ފަރުވާ އަށް ވެސް ޖަރުމަނަށް ވެސް އަދި ޔޫކޭ އަށް ވަޑައިގަތުމަށް ވެސް އެދުނު މިންވަރަކަށް އަޅުގަނޑުމެން ވާނީ ހަރަދުތައް ހަމަޖައްސާފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ނަޝީދުގެ ބޭސް ފަރުވާ އަށް ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ހަރަދު ކުރި ގޮތް ފިނޭންސް މިނިސްޓްރީން ކަށަވަރު ކުރާނެ އެވެ. އެ މަނިކުފާނުގެ ބޭސްފަރުވާ އަށް ހަރަދުވި ޖުމުލަ އަދަދު އެނގޭނީ ހުރިހާ ފަރުވާއެއް ނިމުމުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"ބިލްތައް ލިބުނީމާ އަޅުގަނޑުމެން އެ ވެރިފައި ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރި އެވެ. އޭޑީކޭ އިން ބުނެފައިވާ ގޮތުގައި، ނަޝީދުގެ ފުއްޕާމެޔާއި ފުރަމޭ އަދި ބަނޑަށް ވެސް ވަނީ ގެއްލުންތައްވެފަ އެވެ.