Roadha Mihaaru
ނަޝީދު، އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތަށް

ނަޝީދު، އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތަށް

02 ޖުލައި 2021

ޓެރަރިސްޓް ހަމަލައިން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް އިއްޔެ ވަޑައިގެންފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓެރަރިސްޓް ހަމަލައިން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް އިއްޔެ ވަޑައިގެންފި އެވެ.

މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދިނީ، އެ މަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ކާރުކޮޅު ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާއާ ގުޅިގެން ނަޝީދަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާ ހޯއްދެވުމަށް މޭ 13 ވަނަ ދުވަހުން ފެށިގެން އެ މަނިކުފާނު އުޅުއްވީ ޖަރުމަނުގަ އެވެ.

އިތުރު ފަރުވާ އަށް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ބޭފުޅުން ވެސް ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.

ޓެރަރިސްޓް ހަަމަލައިން ލިބުނު ޒަހަމްތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ނަޝީދު ވަނީ އޭޑީކޭގަ އާއި ޖަރުމަނުގައި ވެސް ކުރައްވައިފަ އެވެ. މިދިޔަ ހަފުތާގައި އެ މަނިކުފާނު ވިދާޅުފައި ވަނީ ހަޔާތުގެ ބާކީ ބައި ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ "ބަޅު މެދު އިނގިއްޔަކާ" އެކު ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ހާލުކޮޅު ޖުމުލަކޮށް ރަނގަޅު ނަމަވެސް މައްސަލައެއް އުޅެނީ އިނގިއްޔާއި ފައި އަދި ކަންފަތް ފަދަ ތަންތަނުގައި ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ ވާތު ކަންފަތްޕުޅަށް އަޑު އިވުމުގައި މައްސަލައެއް އުޅެ އެވެ. އެ ކަންތައް ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް މުޅިން ރަނގަޅު ކުރުމަށް އަންނަ ނޮވެމްބަރު މަހު އިތުރު އޮޕަރޭޝަނެއް ކުރައްވަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑަށް މަލާމަތްކުރާ މީހުން ބުނޭ ކަލޭ ކޮން އިރަކުހޭ އަޑު އެހީ. އަޅުގަނޑު އަބަދު ވެސް ކަނުލައި އަޑު އަހަން އިންނަން. ވާތުގެ ކަންފަތުގެ ތޫރި އަށް ލިބިފައި ހުރި ގެއްލުމެއް، ދެ ލޯވަޅެއް އިނީ،" އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން، 800 އަށް ވުރެ ގިނަ މީހުންނާއެކު މިދިޔަ މަހުގެ 26 ގައި ބޭއްވި އެ ޕާޓީގެ "ކްލަބް ހައުސް ހަރުގެ" ގައި ނަޝީދު ވިދާޅުވި އެވެ.

ޒަހަމްތައް ރަނގަޅުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބާއްވާ ސުވާލާއި ޖަވާބު ޕްރޮގްރާމު "އާސްކް ސްޕީކާ"ގައި މި މަހުގެ ފަސް ވަނަ ދުވަހު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެނގިފައިވާ ގޮތުގައި ހަމަލާއަ ގުޅޭ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހުންގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.