Roadha Mihaaru
"ދެން އުޅެން ޖެހޭނީ ބަޅު މެދު އިނގިއްޔަކާއެކީ"

ހަޔާތުގެ ބާކީ ބައި އުޅެން ޖެހެނީ ބަޅު މެދު އިނގިއްޔަކާ އެކީ: ނަޝީދު

27 ޖޫން 2021

ބޮމުގެ ހަމަލައިން ލިބުނު އަނިޔާތަކާ ގުޅިގެން ހަޔާތްޕުޅުގެ ބާކީ އޮތް ބައި އުޅުއްވަން ޖެހިވަޑައިގަންނަވާނީ "ބަޅު މެދު އިނގިއްޔަކާ" އެކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ރޭ ތަފުސީލުކޮށް ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޮމުގެ ހަމަލައިން ލިބުނު އަނިޔާތަކާ ގުޅިގެން ހަޔާތްޕުޅުގެ ބާކީ އޮތް ބައި އުޅުއްވަން ޖެހިވަޑައިގަންނަވާނީ "ބަޅު މެދު އިނގިއްޔަކާ" އެކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ރޭ ތަފުސީލުކޮށް ދެއްވައިފި އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން، 800 އަށް ވުރެ ގިނަ މީހުންނާއެކު ބޭއްވި އެ ޕާޓީގެ "ކްލަބް ހައުސް ހަރުގެ" ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ހާލުކޮޅު ޖުމުލަކޮށް ރަނގަޅު ކަމަށާއި އެތެރެހަށީގެ ހުރިހާ ގުނަވަނެއް ހުރީ ރަނގަޅަށް ކަމަށެވެ. ނަމަވެސް މައްސަލައެއް އުޅެނީ އިނގިއްޔާއި ފައި އަދި ކަންފަތް ފަދަ ތަންތަނުގައި ކަމަށް އިތުރު ފަރުވާ އަށް މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވިގޮތުގައި، ކަނާތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި މިހާރު ހުންނަނީ އައްސި ވެފަ އެވެ. އަދި އެ މަނިކުފާނުގެ މެދުވާ އިނގިލި ވެސް ހުންނަނީ ބަޅުވެފައި ކަމަށް ވިދާޅުވި އެވެ.

"ޑޮކްޓަރު ބުނީ އެހެން އޮޕަރޭޝަނެއް ކޮށްގެން ބެލިދާނެއޭ [އިނގިލި ރަނގަޅު ކުރެވޭތޯ]. އަޅުގަނޑު ދަންނަވައިފިން މިހާރު [އުމުރުން] 54 އަހަރޭ. ދެން ބަޅު މެދު އިނގިއްޔަކާ އެކީގައި ބާކީ އޮތްބައި އުޅެން ނިންމާނީއޭ،" މަޒާޖީ ރާގަކުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާތު ކަންފަތް އަޑު އިވުމުގައި މައްސަލައެއް ހުރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ކަންތައް ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް މުޅިން ރަނގަޅު ކުރުމަށް އަންނަ ނޮވެމްބަރު މަހު އިތުރު އޮޕަރޭޝަނެއް ކުރައްވަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް މަލާމަތްކުރާ މީހުން ބުނޭ ކަލޭ ކޮން އިރަކުހޭ އަޑު އެހީ. އަޅުގަނޑު އަބަދު ވެސް ކަނުލައި އަޑު އަހަން އިންނަން. ވާތުގެ ކަންފަތުގެ ތޫރި އަށް ލިބިފައި ހުރި ގެއްލުމެއް، ދެ ލޯވަޅެއް އިނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، އެ މަނިކުފާނުގެ ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން ވަނީ އައްސިވެފަ އެވެ. ނަމަވެސް މައިގަނޑު ތަންތަން ރަނގަޅަށް ހުރި ކަމަށް ވިދާޅުވި އެވެ. އެ ކަންކަން ވެސް ރަނގަޅުވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި އުންމީދަކީ ރަނގަޅު ވެގެން ވީހާ ވެސް އަވަހަކަށް އެނބުރި ރާއްޖެ ވަޑައިގަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.