Roadha Mihaaru
ނަޝީދަށް ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު

ނަޝީދަށް ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު: އާއިލާ

02 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މެއި 6، 2021 ގައި ދިން ހަމަލައިގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މެއި 13 ގަ އެވެ. އޭގެ ފަހުން ޖުލައި 1 އިން ފެށިގެން ނަޝީދު އިތުރު ފަރުވާ ހޯއްދަވަނީ އިނގިރޭސި ވިލާތުންނެވެ.

ނަޝީދު އެންމެ ފަހުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުން ގޮތުން ނަމަ އެ މަނިކުފާނު އޭރު ލަފާކުރެއްވީ މިދިޔަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނެވޭނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 16 ގައި ފަށާނީ ނަޝީދާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މިދިޔަ މަހު އަށް ވަނަ ދުވަހު ބޭއްވި ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމައިލައްވަމުން ވިދާޅުވެފައި ވެ އެވެ.

ނަމަވެސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ.

އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް ފައިގެ ބައެއް ކަންކަން ރަނގަޅުވާން އަދި ތިން ހަފުތާއެއް ވަރު ނަގާނެ ކަމަށް ބެލެވޭ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ބެލެވެނީ ސެޕްޓެމްބަރު މަހު ކަމަށް ނަޝީދަށް ރާއްޖެ ވަޑައިގެންނެވޭނީ،" އޭނާ ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާގައި ލިބުނު ބޮޑެތި ޒަހމްތަކަށް ފަހު، ރާއްޖެ ވަޑައިގަތުމުން އަނެއްކާވެސް އެ މަނިކުފާނު އަވަހާރަކޮށްލުމަށް ހަމަލާއެއް ދެވޭ ގޮތަށް ކަންކަން ފަހިވުމަށް ދޫކޮށްލައިގެން ނުތިބުމަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަން ވެސް ވިދާޅުވެފައި ވެ އެވެ.

ނަޝީދު އެދިވަޑައިގަންނަވާ ގޮތަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ގިނަ ބަޔަކު ހައްޔަރު ކުރުމެވެ. އެކަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައި، އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންގެ ވޯޓާއެކު ވަނީ ފާސް ވެސް ކޮށްފަ އެވެ. އެކަމަކު އެ ގަރާރާ ގުޅޭ ގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސަރުކާރާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެމްޑީޕީގެ އެކި ގުނަވަންތަކާއި އެކި ގުރޫޕްތަކުގައި ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި ކުރައްވާ ކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހަކަށް އައިސް ޖަވާބެއް ނުދެއްވަ އެވެ.