Roadha Mihaaru
ބުޅާތަކެއް ބަނޑުހައިވެ އެއް ބުޅާ އަނެއް ބުޅާ ކައިފި

ބުޅާތަކެއް ބަނޑުހައިވެ އެއް ބުޅާ އަނެއް ބުޅާ ކައިފި

25 ނޮވެމްބަރ 2016

އޮސްޓްރޭލިއާގެ އެޑެލައިޑްގައި، އަންހެނަކު އޮޅުކޮށްގެން ގެންގުޅުނު 14 ބުޅަލަށް ކާން ނުދީ ކޮޓަރިއެއްގައި ބަންދުކޮށްފައި ތިބުމުން އެސޮރުމެން ބަނޑުހައިވެ އެންމެފަހުން އެއް ބުޅާ އަނެއް ބުޅާ ކަމުން ގޮސް، އެންމެ ބުޅަލެއް ފިޔަވައި ހުރިހާ ބުޅަލެއް މަރުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އޮސްޓްރޭލިއާގެ އެޑެލައިޑްގައި، އަންހެނަކު އޮޅުކޮށްގެން ގެންގުޅުނު 14 ބުޅަލަށް ކާން ނުދީ ކޮޓަރިއެއްގައި ބަންދުކޮށްފައި ތިބުމުން އެސޮރުމެން ބަނޑުހައިވެ އެންމެފަހުން އެއް ބުޅާ އަނެއް ބުޅާ ކަމުން ގޮސް، އެންމެ ބުޅަލެއް ފިޔަވައި ހުރިހާ ބުޅަލެއް މަރުވެއްޖެ އެވެ.

ޖަނަވާރު ސަލާމަތްކުރާ މީހުންނަށް އެތަނަށް ވަދެވުނުއިރު ސަލާމަތުން އޮތް ބުޅާ ވެސް ދުނިޔޭގައި އޮތީ ކިރިޔާ އެވެ.

ބުޅާތައް ތިބި ގެއަށް ވަދެ ޗެކްކުރީ ޖަނަވާރުން ހިމާޔަތްކުރާ ބަޔަކަށް އެގޭ ތެރޭގައި ބުޅާތަކަށް ކަމެއް ދިމާވެގެން އުޅޭ ކަމަށް ޝައްކު ވެގެންނެވެ.

ޗީފް އިންސްޕެކްޓަރު އެންޑްރެއާ ލުވިސް ބުނި ގޮތުގައި އޭނާ އާއި އޭނާގެ މުވައްޒަފުން އެތަނަށް ވަންއިރު ފެނުނީ ހިތްހަލާކުވާ ކަހަލަ މަންޒަރެއް ކަމަށެވެ. ކާންބޯން ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެ އަދި މުޅިން ބަލިކަށިވެފައިވާ ބުޅާ ކެނޑިނޭޅި އޭރު ވެސް ގޮވަމުން ދިޔަ އެވެ.

ބުޅާތައް ގެންގުޅުނު އަންހެންމީހާ ކޯޓަށް ހާޒިރުވާން އެތައް ފަހަރަކު އެންގުމުން ވެސް އޭނާ ހާޒިރު ނުވި ކަމަށްވެ އެވެ. އެހެންވެ މި މަހު ކުރީކޮޅު އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރީ އެވެ.

އުމުރުން 43 އަހަރުގެ މި އަންހެންމީހާއާ ދެކޮޅަށް ދައުވާކުރަނީ ޖަނަވާރަށް އަނިޔާވެރި ވެގެންނެވެ. މި މީހާ އަށް މުޅި އުމުރަށް ވެސް ދެން ޖަނަވާރު ގެންގުޅުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.

"ޓްރޫޕާ" ގެ ނަން ދީފައިވާ ބުޅާ

"ޓްރޫޕާ" ގެ ނަން ދީފައިވާ ބުޅާ

ބުޅާ ގެންގުޅުނު މީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަން ކަމަށާއި އެހެންވެ ހުކުމް ކުރުމުގައި އެކަމަށް ބަލާފައި ވާނެ ކަމަށް ކޯޓުން ބުންޏެވެ.

ބުޅާތަކުގެ ތެރެއިން ސަލާމަތްވި ބުޅަލަށް ދިން ނަމަކީ "ޓްރޫޕާ" އެވެ. ބުޅަލަށް ބޭސްކޮށް މުޅިން ރަނގަޅުވެގެން މީހަކު އެ ބުޅާ އެޑޮޕްޓްކޮށް މިހާރު އެ ގޭގައި ވަރަށް އުފަލުން އެ ބުޅާ އުޅެމުންދާކަމަށް ވެސް އިންސްޕެކްޓަރު ވަނީ ބުނެފަ އެވެ. ޓްރޫޕާ ސަލާމަތްވީ އެހެން ބުޅާތަކުގެ މަސް ކެއުމުގެ ސަބަބުންނެވެ.