Roadha Mihaaru
ގެންގުޅޭ ކުއްތާ ވައްވައް ޖަހާ ނަމަ ޖޫރިމަނާ ކުރަނީ

ގެންގުޅޭ ކުއްތާ ވައްވައް ޖަހާ ނަމަ ވެރިމީހާ ޖޫރިމަނާކުރަނީ

14 ފެބުރުއަރީ 2019

ގެންގުޅޭ ކުއްތާ ވައްވައް ޖަހާ ނަމަ އޭގެ ވެރިމީހާ ޖޫރިމަނާކުރާ ގަރާރެއް ފްރާންސްގެ އަވަށެއްގައި ފާސްކޮށް، ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގެންގުޅޭ ކުއްތާ ވައްވައް ޖަހާ ނަމަ އޭގެ ވެރިމީހާ ޖޫރިމަނާކުރާ ގަރާރެއް ފްރާންސްގެ އަވަށެއްގައި ފާސްކޮށް، ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ފްރާންސްގެ އުތުރު އަވަށެއް ކަމަށްވާ ފިޗެއޭގެ މޭޔަރު ޖިއަން-ޕިއާ އެސްޓިއޭން އިސްކޮށް ހުންނަވައިގެން އެ އަވަށުގެ ލޯކަލް ކައުންސިލުން ފާސްކުރި ގަރާރުގައި ބުނާ ގޮތުން އާންމުންނަށާއި ކުއްތާ ގެންގުޅޭ މީހުންގެ އަވަށްޓެރިންނަށް އުނދަގޫވާ ވަރަށް ރެއާއި ދުވާލު ކުއްތާ ވައްވައް ޖަހާ ނަމަ އޭގެ ވެރިމީހާ 68 ޔޫރޯ (77 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ.

ދެ ހާސް ހަމަ ނުވާ އާބާދީއެއް އޮންނަ އަވަށުގެ މޭޔަރު ވިދާޅުވީ އާންމުންނަށް އުނދަގޫވާ ގޮތަށް ކުއްތާ ވައްވައް ޖަހާ ނަމަ ވެރިމީހާ ޖޫރިމަނާކުރާ ގޮތަށް ނިންމީ އެއްގޮތަކަށް ވެސް ކުއްތާ ގެންގުޅުމާ ދެކޮޅުވެގެން ނޫން ކަމަށެވެ.

"މީގެ އެންމެ ބޮޑު އެއް ބޭނުމަކީ އާންމުންނަށް އުނދަގޫ ނުވާ ގޮތަށް ކުއްތާ އޮޅުކޮށްގެން ގެންގުޅެން ހިތްވަރު ދިނުން. ކުއްތާތަކަށް ތަމްރީނު ދީގެން، ސުލޫކެއްގެ ތެރޭގައި ގެންގުޅޭ ނަމަ އާންމުންނަށް އުނދަގޫވާ ގޮތަށް އެ އެއްޗެހީގެ އަމަލުތައް ވެސް ނުހުންނާނެ،" މޭޔަރު ވިދާޅުވި އެވެ.

ގަރާރުގެ ދަށުން ކުއްތާތައް ތަންތަނުގެ ތެރޭގައި ބަންދުކޮށްފައި ބޭތިއްބުން ވެސް ވަނީ މަނާކޮށްފަ އެވެ. ގަރާރުގައި ބުނާ ގޮތުން އޮޅު ކުއްތާ ބަންދުކޮށްގެން އުޅޭ ނަމަ އެ އެއްޗެހި ވައްވައް ޖެހުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.

އެފަދަ ހާލަތެއްގައި ކުއްތާ ވައްވައް ޖެހުން ހުއްޓުވޭ ހިސާބުގައި އޭގެ ބަލަދުވެރިއަކު ހުންނަން ޖެހޭނެ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.

މިފަދަ ގަރާރެއް ފާސް ކުރުމުން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ ގަރާރަށް ވަރަށް ބޮޑަށް ފަޑު ކިޔައިފަ އެވެ.

ކުއްތާއެއް ބޯޅައަކާ ކުޅެނީ.

ކުއްތާއެއް ބޯޅައަކާ ކުޅެނީ.

އަދި މި ގަރާރު ބާތިލުކޮށް ދޭން ކޯޓަށް ހުށަހަޅާނެ ކަމަށް އެސޯސިއޭޝަން ފޮ ދަ ޑިފެންސް އޮފް އެނިމަލް ރައިޓްސްގެ ރައީސް ސްޓެފަން ލެމާޓް ބުންޏެވެ. އޭނާ ބުނި އެ ގަރާރަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން ކަމަށެވެ.

"ކުރާނެ ކަމެއް ނޭނގިގެން އުޅެންޏާ ފައްޅިތަކުގައި އާދީއްތަ ދުވަހު ބެލް ޖެހުން ވެސް މަނާ ކުރަންވީނު،" ފްރާންސްގެ ލެ މޯންޓް ނޫހަށް ލެމާޓް ބުންޏެވެ. "ކުއްތާގެ އަނގަ ހުރީމަ އެ އެއްޗެހި ވައްވައް ޖަހާނެ. ވަކި ބަޔަކަށް އެކަން މައްސަލައަކަށް ވިޔަސް ނުވިޔަސް."