Roadha Mihaaru
ރިޕޯޓް ނުލިބުނަސް ދިރާސާ ފަށައިފިން: ސަރުކާރު

އިންކުއަރީ ރިޕޯޓް ރަސްމީކޮށް ނުލިބުނަސް ދިރާސާ ފަށައިފިން: ރައީސް އޮފީސް

10 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓް ރަސްމީކޮށް ލިބިފައި ނެތަސް އޭގެ އެ ރިޕޯޓުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓް ރަސްމީކޮށް ލިބިފައި ނެތަސް އޭގެ އެ ރިޕޯޓުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދިރާސާކޮށް މަޖިލީހުން ތައްޔާރު ކުރި 242 ސޮފްހާގެ ރިޕޯޓު އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭ އެވެ. އަދި އެ ރިޕޯޓް ފާސްކޮށްފައި ވަނީ އެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މީޑިއާތަކަށް ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އަދި ހިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ކަމާގުޅޭ އިދާރާތަކުން ދިރާސާ ކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާ އާ ގުޅޭ އެ ރިޕޯޓުގައި ހަމަލާ ދިން ދުވަހާއި އޭގެ ކުރި އާއި ފަހުން ހިނގި ކަންކަން ބަލާފައިވެ އެވެ. އޭގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި ގެންގުޅޭ ގޮތާއި ހިއްސާ ކުރުމުގައި ގެންގުޅޭ ގޮތްތައް އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް ވަނީ ދިރާސާކޮށްފަ އެވެ.

އެ އިންކުއަރީ އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ތަކުރާރުކޮށް ބުނެފައިވަނީ އެ ރޭ ހަމަލާދިނުމާ ގުޅޭ "ސްޕެސިފިކް" މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާ އަށް ނުލިބޭ ކަމަށެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ލިބިފައި ނެތް ކަމަށް 241 ކޮމިޓީން ގަބޫލު ނުކުރާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދިނުމުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަން އެ ރިޕޯޓުން އެނގެ އެވެ. އެކަމުގެ ދިފާއުގައި މާރިޔާ ވިދާޅުވެފައި ވަނީ އެއީ ފޯނު ކޯލެއް ކަމަށާއި މައުލޫމާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެ މައްސަލާގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ރައީސް އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ.