Roadha Mihaaru
އާ ރަށުގެ މައްސަލާގައި ޔާމީން ފުލުހަށް ހާޒިރުކޮށްފި

ޕީޖީ އަށް ފޮނުވާފައިވާ އާ ރަށުގެ މައްސަލާގައި ޔާމީން ފުލުހަށް ހާޒިރުކޮށްފި

10 ޖުލައި 2021

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މަނިކުފާނު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މަނިކުފާނު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލު ކޮށްފި އެވެ.

މެންދުރު 2:00 އިން ފެށިގެން ފުލުހުން މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގްގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު ޔާމީން މިހާރު ވަނީ އަނބުރާ ގެކޮޅަށް ވަޑައިގެންފަ އެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރުކުރީ ތަހުގީގުކޮށް ނިމި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ އާ ރަށާ ގުޅޭ މައްސަލައިގައި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ޔާމީންގެ މައްޗަށް ތަހުގީގުކޮށް އަދި ދައުވާ ކުރަނީ "ނުހައްގުން، އަސާސެއް ނެތި" ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ވ. އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.

ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގާ ވ. ތިނަދޫ ކައިރީގައި އޮންނަ ކުޑަކުޑަ މި ރަށުން ލިބުނު ފައިސާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމް ވެސް އައިސްފައި ވަނީ ރިސޯޓް ހަދަން ވިއްކި ރަށަކުން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރިން ހިންގިކަން ސާބިތުވެގެންނެވެ.