Roadha Mihaaru
"ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން"

ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން: މިނިސްޓަރު

24 ނޮވެމްބަރ 2016

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ބިން ދޫ ނުކުރާ މައްސަލާގައި ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ ކަނޑައެޅިފައި އޮންނަ އުސޫލްގެ ދަށުން ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

"މިތަނަށް ހުށަހެޅޭ ހުށަހެޅުމެއް ވެއްޖިއްޔާ އޮންނަ އުސޫލުން ބަލައިގަނެ އަޅުގަނޑުމެން ކުރިއަށް ގެންދާނެ. ވަކި ފަރާތަކަށް ނުދޭ މައްސަލަ އަކީ އަޅުގަނޑުމެންނަށް މިހާތަނަށް އެނގިފަ އޮތް ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ފުލުހުންގެ ހުއްދަ ނެތި މާލޭގައި މުޒާހަރާކުރެވޭނެ ހަމައެކަނި ތަނަކީ ކާނިވާ ސަރަހައްދު ކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، ވެރިކަން ކުރާ ޕީޕީއެމްގެ، މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ޖަލްސާތައް ބާއްވަން އެކަނި އެތަން ދޫކުރާތީ ސިޔާސީ ޕާޓީތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ދަރުބާރުގޭގެ މާލަމެއް ވެސް ރައީސް ޔާމީންގެ ފެކްޝަނަށް ދިގު މުއްދަތަކަށް ދޫކޮށްފައިވެ އެވެ. އެއީ ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ދަރުބާރުގޭގެ މާލަމެއް އެ ފެކްޝަަނަށް ދޫކޮށްފައިވާއިރު އާއްމުންގެ ބޭނުންތަކަށް ވެސް ދަރުބާރުގެ ނުލިބުމުގެ ޝަކުވާ ބޮޑެވެ.

އެކަމަކު އެ މައްސަލާގައި ވެސް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ޕީޕީއެމަށް އެތަން ދޫކޮށްފައި ވަނީ ދަރުބާރުގެ ކުއްޔަށް ދޫކުރަން އޮންނަ އުސޫލާ އެއްގޮތަށް ފީ ދެއްކުމުން ކަމަށެވެ.