Roadha Mihaaru
ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީ އަށް

ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީ އަށް

12 ޖުލައި 2021

ލަންޑަން (ޖުލައި 12) - މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީން 3-2 އިން އިންގްލެންޑުގެ މައްޗަށް، ކާމިޔާބު ހޯދައި، ޔޫރަޕްގެ ޗެމްޕިއަންކަން އިޓަލީ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 12) - މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީން 3-2 އިން އިންގްލެންޑުގެ މައްޗަށް، ކާމިޔާބު ހޯދައި، ޔޫރަޕްގެ ޗެމްޕިއަންކަން އިޓަލީ ހޯދައިފި އެވެ.

ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީ ހޯދީ 53 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން ޔޫރޯ ކާމިޔާބު ކުރީ އަމިއްލަ ގައުމުގައި 1968 ގައި ބޭއްވި މުބާރާތުގަ އެވެ.

ޔޫރޯގެ ފައިނަލު މެޗުގައި އަވޭ ޓީމެއްގެ ގޮތުގައި އިންގްލެންޑް ލިސްޓުކޮށްފައި އޮތް ނަމަވެސް، ވެރިރަށް ލަންޑްގައި ހުންނަ އިންގްލެންޑުގެ ގައުމީ ސްޓޭޑިއަމް ވެމްބްލީގައި ހޯމް އެޑްވާންޓޭޖް އޮތީ އިންގްލެންޑަށެވެ. ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ގައުމުން ބޭރުން ދަތުރުކުރާ ފަރާތްތައް ސަޕޯޓަރުންގެ ގޮތުގައި ދަނޑަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ.

މެޖޯރިޓީ އިންގްލެންޑް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައިފަ އެވެ. މެޗު ފަށައިގެން ހަލުވި ގޭމެއްގައި ކުޅެމުން ދިޔަ އިންގްލެންޑުގެ ލަނޑަކީ އަވަހަށް އުފެއްދި ކައުންޓަ އެޓޭކު ހަމަލާއަކުން ޖެހި ލަނޑެކެވެ. ކިރަން ޓްރިޕިއާ ނަގައިދިން ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ވުމުން ލޫކް ޝޯ އޭރިއާ ތެރެއަށް އަރައި އެއްފަހަރުން ޖަހައި ގޯލްތެރެއަށް ބޯޅަ ވައްދާލި އެވެ.

ދ

ދ

އެހާ އަވަހަށް ބައިކޮޅަށް ލަނޑެއް ވަނުމުން، އިޓަލީ އަށް ލިބުނީ ޝޮކެކެވެ. މެޗުގެ ތެރެއަށް އެނބުރި އަންނަން އިޓަލީ އަށް އުނދަގޫ ކުރިމަތިވި އެވެ. އަވަހަށް މެޗުގެ ތެރެއަށް ވަންނަން އުޅެ އިޓަލީ އަށް ގިނަ މިސްޓެކުތަކެއް ހެދުނެވެ. ނަމަވެސް ފަހު ބޯޅަ ކޮންޓްރޯލްކޮށް ހަމަޖެހިލައިގެން ކުޅެން މަސައްކަތް ކުރުމުން އިޓަލީ އަށް ފުރުސަތުތައް ތަނަވަސްވި އެވެ.

މެޗުގެ 34 ވަނަ މިނެޓްގައި ފެޑްރީކޯ ކިއޭޒާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 61 ވަނަ މިނެޓުގައި ކިއޭޒާ ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއު ކުރި އެވެ.

ދެ ވަނަ ހާފުގައި އިިންގްލެންޑުން މަސައްކަތް ކުރީ ޑިފެންސިވް ވިސްނުމެއްގައި އެވެ. އޭގެ ސަބަބުން އިޓަލީ އަށް ކުރިއަށް ޖެހި ހަމަލާ އުފައްދަން ފަހިވި އެވެ. އިޓަލީން ނަތީޖާ އެއްވަރު ކުރި ލަނޑު ލިއޮނާޑޯ ބަނޫޗީ ކާމިޔާބު ކުރީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ވެރާޓީ ވެއްޓިގެން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. އެ ބޯޅަ ރީބައުންސް ވެގެން ނުކުތުމުން ބަނޫޗީ ވަނީ ފައިން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗު 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ދެ ވަނަ ހާފުގައި ފެޑްރީކޯ ބާނެޑެސްކީ، އިންގްލެންޑުގެ އޭރިއާގެ ބޭރުން ފޮނުވާލި ހިލޭ ޖެހުން ނުރައްކާ ކޮށްދިޔަ އެވެ. އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއު ކުރި ބޯޅަ ފުރަތަމަ ދިޔައީ ރީބައުންސަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އޭނާ ވަނީ އެ ބޯޅަ ސޭވް ކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓް

އިޓަލީގެ ޕެނަލްޓީ ޑޮމިނިކޯ ބެރާޑީ ކާމިޔާބު ކުރި

ހެރީ ކޭން އިންގްލޭންޑް އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބު ކުރި

އެންޑްރެއާ ބެލޯޓީ އިޓަލީ އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި

ހެރީ މެގުއާ އިންގްލޭންޑް އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބު ކުރި

އިޓަލީގެ ޕެނަލްޓީ ލިއޮނާޑޯ ބަނޫޗީ ކާމިޔާބު ކުރި

މާކަސް ރެޝްފޯޑް އިންގްލޭންޑް އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި

އިޓަލީގެ ޕެނަލްޓީ ފެޑެރީކޯ ބާނެޑެސްކީ ކާމިޔާބު ކުރި

ޖާޑަން ސަންޗޯ އިންގްލޭންޑް އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި

ޖޯޖީނިއޯ އިޓަލީ އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި

ބުކާޔޯ ސަކާ އިންގްލޭންޑް އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި