Roadha Mihaaru

ވަޒަންތަކެއް ފެނިގެން އެއާޕޯޓުން ހައްޔަރުކުރި މީހާގެ ބަންދަށް ތިން ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް އިތުރުކޮށްފި އެވެ.

ވަޒަނާ އެކު ހައްޔަރުކުރި މީހާގެ ބަންދަށް 3 ދުވަސް
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

12 ޖުލައި 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް އިތުރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނެފައި ވަނީ، ވީއައިއޭ އިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުން މައްސަލަ އެ ދުވަހު ހެނދުނު 9:52 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހެކެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދު އިތުރުކުރަން އިއްޔެ ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށެވެ.

ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެއީ އެ މީހާ ރާއްޖެ އައި އިރު އަމިއްލައަށް ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއް ކަމެއް ނުވަތަ ރާއްޖެއިން ހޯދި ވަޒަންތަކެއް ކަމެއް ސާފެއް ނުވެ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ފުލުހުން އަދި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.